
ގއ. ވިލިނގިލީގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކަށް އަވަސް ފިޔަވަޅު އެޅުމުގެ ގޮތުން އެ ރަށުގައި އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެއް އިމާރާތްކުރުމަށްޓަކައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެކު މިއަދު ބަންޑާރަކޮށީގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޢާޛު ޙަލީމެވެ. އަދި އާރުޑީސީގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރު ޙަސަން ރިފާޢީ ބުޝްރީއެވެ.
ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ގޮތަށް ހަމަޖެހިފައިވާ މި ބޮޑު މަޝްރޫޢުގެ މަސައްކަތް ފުރިހަމަކުރުމަށް އާރުޑީސީއަށް ދީފައިވަނީ 550 ދުވަހުގެ މުއްދަތެކެވެ.
މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އަލިފާން ނިއްވުމުގެ ޚިދުމަތް ގާއިމުކުރުމެވެ. މި އައު މަރުކަޒާ އެކު، ހުވަދުއަތޮޅު އުތުރުބުރީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންނަށް އެހީތެރިވުމުގެ ގާބިލުކަން ސިފައިންނަށް އިތުރަށް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.

