
މިއަހަރުގެ މެއި އަދި ޖޫން މަހު ކުރިއަށްގެންދިޔަ އޭލެވެލްގެ އިތުރުން ކޭމްބްރިޖް އައިޖީސީއެސްއީ އާއި އެސްއެސްސީ އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާތައް ދޫކުރަން ފަށައިފިއެވެ.
މިއަދު މެންދުރު 12:00އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ)އާއި ދަރިވަރުން ނިސްބަތްވާ ސްކޫލުތައް މެދުވެރިކޮށް ނަތީޖާތައް ދޫކުރުން ވަނީ ކުރިއަށް ގޮސްފައެވެ. އަމިއްލަ ގޮތުން އިމްތިޙާނު ހެދި ކުދިންނަށް ނަތީޖާ ދޫކުރުމުގެ ކަންކަން ޑީޕީއީން ކުރިއަށް ގެންދާނީ، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30އިން މެންދުރުފަހު 1:30 އަށެވެ. އަންނަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާއިރު، ނަތީޖާއާ ހަވާލުވުމަށް ދަރިވަރުގެ އައިޑީކާޑު ގެންދަންޖެހޭނެކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. ދަރިވަރުގެ ބަދަލުގައި އެހެން ފަރާތަކުން ސެޓުފިކެޓާ ހަވާލުވާން އަންނަނަމަ، ހަވާލުވާ މީހާގެ އައިޑީކާޑުގެ އަސްލާއި ދަރިވަރުގެ އައިޑީކާޑުގެ ކޮޕީއެއް ހުށަހެޅުން ލާޒިމުވާނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި ފަހަރުގެ މެއި/ޖޫން އޭލެވެލް އިމްތިޙާނުގައި ޖުމްލަ 1،229 ދަރިވަރަކު ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މާލެ ސަރަހައްދުން އިމްތިޙާނު ހެދި 916 ދަރިވަރުންނެވެ. މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫން 147 ކުދިން އަދި ޏ. ފުވައްމުލަކުން 27 ކުދިން މި އިމްތިޙާނުގައި އިށީނދެފައިވެއެވެ.
2019ވަނަ އަހަރުން ފެށިގެން މެދުކަނޑާލާފައި އޮތް އެޑެކްސެލް މެއި/ޖޫން ސީރީސްގެ އިމްތިޙާނުތައް އަލުން ބާއްވަން ތަޢުލީމީ ވުޒާރާއިން ނިންމީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިގޮތަށް ހަމަޖެއްސީ އަމިއްލަ ގޮތުން އިމްތިޙާނުތަކުގައި ބައިވެރިވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަޤުޞަދުގައެވެ. އެހެންނަމަވެސް، ސްކޫލުތަކުގައި ރަސްމީކޮށް ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ އޭލެވެލް އިމްތިޙާނުތައް ކުރިއެކޭވެސް އެއްފަދައިން އޮންނާނީ އޮކްޓޫބަރު އަދި ނޮވެމްބަރު މަހުކަމަށް އެ ވުޒާރާއިން ކަށަވަރުކޮށްދެއެވެ.

