
އެސްޖޭ ކޮންސްޓްރަކްޝަނުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކުރުމަށް ފަށާފައިވާ މިސްކިތުގެ ޑިޒައިނަށް ބަދަލު ގެނެސްފައިވާ ކަމަށާއި އެ މިސްކިތުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޝަހީމް ވިދާޅުވީ އެ މިސްކިތް ޑިޒައިން ކޮށްފައި ހުރި ގޮތުންނާއި އިދާރީ ގޮތުން އެސްޖޭ ކުންފުންޏަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވި ކަމަށެވެ. ކުރިން ޑިޒައިންކޮށްފައި އިން ގޮތަށް އެ މިސްކިތް ބިނާކޮށްފި ނަމަ ރަނގަޅަށް ވާރޭ ހިޔާ ނުވުން ފަދަ މައްސަލަތައް ދިމާވާނެ ކަމަށް ވެސް ޝަހީމް ފާހަގަކުރެއްވިއެވެ.
” އެ މިސްކިތުގެ ޑިޒައިނަށް މިހާރު ވަނީ ބަދަލުތަކެއް ގެންނަވާފައި، އެޗްޑީސީއާ މަޝްވަރާކުރެވިގެން، އަޅުގަނޑުމެން މި އުއްމީދުކުރަނީ ﷲ އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެ މަަޝްރޫއު ނިމޭނެކަމަށް” ޝަހީމް ވިދާޅުވިއެވެ.
އެސްޖޭ ކޮންސްޓްރަކްޝަން އިން އަޅަމުންދާ މިސްކިތަކީ އެސްޖޭ ކޮންސްޓްރަކްޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން އަޅާ މިސްކިތެކެވެ. މި މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2022ވަނަ އަހަރު އެ މަސައްކަތް ފަށާތާ 420 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ މިސްކިތުގެ މަސައްކަތް ނުނިމި ވަނި ދިގުލައިގެން ގޮސްފައެވެ.

