
ރޭވުންތެރިކަމާއެކު އެމްޑީޕީ ސަރުކާރުން ދަރަނި ދެއްކިނަމަ ފަސް އަހަރުގެ ތެރޭގައި ލޯނުގެ އިންޓްރެސްޓަށް 45 މިލިއަން ޑޮލަރު ނާރާނެކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެްޖެ އެވެ.
ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ އެންމެ ފަހުގެ ބައި ދައްކައި، އެ ދަރަނި އެއްކޮށް އަދާކުރީ ނިމިގެން ދިޔަ ހަފްތާގަ އެވެ. އެގޮތުން އެންމެ ފަހުގެ ބައިގެ ގޮތުގައި 50 މިލިއަން ޑޮލަރު ދެއްކިއިރު އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދައްކައިދިނީ އިންޑިއާ އިން އެވެ.
އިންޑިއާއަށް ދައްކަން ޖެހޭ ލޯނު ދައްކައި ނިމުމުން އެކަން ފާހަގަކޮށް ޕީއެންސީގެ ބޭފުޅުން ސަރުކާރަށް ތައުރީފްކުރަމުންދާ އިރު ބާރަށު މެމްބަރު ޝުޖާއު މިއަދު އެކްސްގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރު ތެރޭ 150 މިލިއަން ޑޮލަރުގެ ލޯނު ދައްކަން ޕްލޭން ކުރި ނަމަ 45 މިލިއަން ޑޮލަރު ލޯންގެ އިންޓްރެސްޓްގެ ގޮތުގައި ނޭރީސް ކަމަށެވެ.
އަދި އޭގެން ވެސް އެނގެނީ އެމްޑީޕީ ސަރުކާރުގެ ނާގާބިލްކަން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
“ދިވެހި ލޮބުވެތި ރައްޔިތުންނަށް މިހާރު ސާފުވާނެ އެމްޑީޕީ ސަރުކާރުގެ ނިޔަތް.ބަޖެޓް ސަޕޯޓަށް ނެގި ލޯނުން ކުރިކަމެއް، ރައްޔިތަކަށް ވީފައިދާއެެއްނެތް. މިސަރުކާރުން ދަރަނި ނަގާނީ އެއީ ދައްކަން ޖެހޭއެއްޗެއްކަން ދަނެގެން.” އޭނާ އިތުރަށް ވިދާޅުވި އެވެ.
މި ސަރުކާރުން 50 މިލިއަން ޑޮލަރުގެ ދަރަނި ނިމިގެން ދިޔަ ހަފްތާގައި ދެއްކިނަމަވެސް ޒަރޫރީ ތަކެތި ރާއްޖެ އެތެރެކުރަން ދަތިނުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

