
އެއްފަހަރާ 500 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ބޮޑު ސެންޓަރެއް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޑްރަގްގެ ފަރުވާ ފޯރުކޮށްދޭ މައިގަނޑު އެއް މަރުކަޒަކީ ކ. ހިންމަފުށީގައި ގާއިމުކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރު ކަމަށާއި ނަމަވެސް އެ ސެންޓަރުން އެންމެ އެދެވޭ ގޮތަށް ފަރުވާގެ ކަންކަން ކުރިއަށްނުދާ ކަމަށެވެ.
އެގޮތުން ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ބިޔަ މަޝްރޫއެއް އަންނަ ޖުލައި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“500 މީހުންނަށް އެއް ފަހަރާ ފަރުވާ ދެވޭ ވަރުގެ، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާވަރުގެ ސެންޓަރެއް އެތަނުގައި ހެދުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ މަހު އަޅުގަނޑުމެން ފަށާނަން. އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ސެޓަޕާއި ހުޅުމާލޭ ހާފްވޭ ހައުސް ވެސް ހުރީ އެކަށީގެންވާ ފަރުވާ ފޯރުކޮށްދެވޭ ހާލަތެއްގައެއް ނޫން. އެހެންކަމުން އެ ދެ ތަން ވެސް ޒަމާނީ ގޮތަށް ބަދަލުކޮށް ހާއްސަ ފަރުވާ ދެވޭނެ ސެޓަޕެއްގެ މަސައްކަތް ވެސް އެބަ ކުރަން.” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް ނިންމާލުން ކަމަށެވެ. މީހުން ބިނާކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ފަރުވާގެ ނިޒާމުގެ ތެރޭގައި ރިކަވަރީ ސަޕޯޓު އަދި ސައިކޯ ސޯޝަލް ސަޕޯޓް ފަދަ ދާއިރާތަކަށް މީހުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

