
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ފަރާތުން ފާއިތުވި ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ކާބޯތަކެތި ގަތުމަށްޓަކައި 736،600 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެންސްޕާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2021ވަނަ އަހަރުން ފެށިގެން 2022 ގެ ނިޔަލަށް އެ އެޖެންސީން ވަނީ ކާބޯތަކެތި ހޯދުމަށް 835،480 ރުފިޔާ ޚަރަދުކޮށްފައެވެ.
އެންސްޕާގެ ރިކޯޑުތަކުން ދައްކާގޮތުގައި 2023ވަނަ އަހަރު ކާބޯތަކެތީގެ އެހީގެ ގޮތުގައި 289،160 ރުފިޔާ ފޯރުކޮށްދީފައިވެއެވެ. އަދި އޭގެ ފަހުން 2024ވަނަ އަހަރު މި އަދަދު 297،720 ރުފިޔާއަށް އަރާފައިވާއިރު، 2025ވަނަ އަހަރު މިއަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 3.7 އިންސައްތަ އިތުރުވެ، 308،920 ރުފިޔާއަށް އުފުލިފައެވެ.
މީގެ އިތުރުން، 2018ވަނަ އަހަރުން ފެށިގެން އެންމެ ބޮޑު ހޭދައެއް މިކަމަށް ކޮށްފައިވާކަމަށް ރެކޯޑުކުރެވިފައި ވަނީ 2025ވަނަ އަހަރުގައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2018ވަނަ އަހަރުން ފެށިގެން 2026ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުން ވަނީ ކާބޯތަކެތީގެ އެހީއަށް ޖުމްލަ 2،282،440 (ދެ މިލިއަން ދެ ލައްކަ އަށާވީސްހާސް ހަތަރުސަތޭކަ ސާޅީސް) ރުފިޔާ ހޭދަކޮށްފައެވެ. އަދި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކަނިވެސް 129،960 ރުފިޔާ ވަނީ ދޫކޮށްފައެވެ.
އެންސްޕާއަކީ ކާބޯތަކެތީގެ އެހީގެ އިތުރުން، އެކަނިވެރި މައިންބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އިނާޔަތްތައް ފޯރުކޮށްދިނުމުގެ މައިގަނޑު ޒިންމާ އުފުލާ މުއައްސަސާއެވެ. މީގެ ތެރޭގައި ސިއްހީ ފަރުވާއަށް ބޭނުންވާ އާސަންދައިގެ ޚިދުމަތާއި، ފެނާއި ކަރަންޓު ބިލު ދެއްކުން ފަދަ އާންމު ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ފަރާތްތަކަށް ވެސް އެ އެޖެންސީން އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

