
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް ޝަކީލު މުހައްމަދު ޝަކީލު މިއަދު އައްުޔަނުކޮށްފިއެވެ.
ޝަކީލު އެ މަގާމަށް އައްުޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އިއްޔެއެވެ.
އިލެކްޝަންސް ކޮމިޝަންއިން މިއަދު ވަނީ ޝަކީލު އެ މަގާމަށް އައްޔަނުކުރިކަން ހާމަކޮށް ސޯޝަލް މީޑީއާގައި ޕޯސްޓެއްކޮށް ޝަކީލުއަށް މަރުހަބާ ކިޔައިފައެވެ.
ޝަކީލު އީސީގެ މެމްބަރުކަމަށް އައްޔަނުކުރީ މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ހައްޖު ކޯޕަރޭޝަނުގެ އިސްވެރިޔާގެ މަގާމުގައެވެ. ނަމަވެސް އީސީގެ މެމްބަރުކަމުގެ މަގާމަށް ބަދަލުވުމުގެ ގޮތުން އޭނާ އެ ކުންފުނިން އޮތީ އިސްތިއުފާ ދެއްވައިފައެވެ.
މާލީ ދާއިރާގެ ހާއްސަ ތަޖުރިބާކާރެއްގެ ގޮތުގައި ފާހަގަކުރެވޭ ޝަކީލަކީ މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްކަމާއި، 2014އިން ފެށިގެން 2018ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ކޮމިޝަނުގެ މެންބަރުކަން ވެސް އޭނާ ކުރެއްވިއެވެ. އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރ ޖެނެރަލްކަން ވެސް އޭނާ އަދާކުރައްވާފައިވެއެވެ.

