
މާލޭގެ މަގުތަކުގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުފަހަރަށް އުނދަގޫވާ ގޮތަށް، އިމާރާތްތަކުގެ އޭސީތަކާއި ދިޔަދޮވިތަކުން ފެން ފައިބާ މައްސަލަތައް ވަގުތުން ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން ގޭގޭގެ ވެރިފަރާތްތަކަށް މިއަދު އަންގައިފިއެވެ.
މިކަމާ ގުޅޭގޮތުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިއީ އެތައް ޒަމާނެއް ވަންދެން ހައްލެއް ނުލިބި އޮތް ބޮޑު އުނދަގުލެއް ކަމަށެވެ. އަދި މީގެ ކުރިން ވެސް މިފަދަ ކަންކަން އިސްލާހުކުރުމަށް އެންގި ނަމަވެސް، މި މައްސަލަ ތަކުރާރުވަމުންދާތީ އާންމުންގެ ގިނަ ޝަކުވާތަކެއް ކެނޑިނޭޅި ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ހިތްފަސޭހަ މާލެއެއް ބިނާކުރުމަށްޓަކައި ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
މަގުމައްޗަށް ފެންތިކި ޖަހާ ތަންތަން ފެނިއްޖެނަމަ، އެ މަންޒަރު ފެންނަ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން 9341144އަށް ފޮނުވުމަށް އެ އިދާރާއިން ވަނީ އާންމުންގެ ކިބައިން އެދިފައެވެ. މިގޮތަށް ފާހަގަކުރެވޭ އިމާރާތްތަކަށް ފުރަތަމަ ފޮނުވާނީ ސިޓީއެކެވެ. އެއަށް ފަހު ދެވޭ ނޯޓިސްއާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، ގޭގެ ވެރިމީހާ 500 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
މި ހިނގާ 2024ވަނަ އަހަރުގެ ތެރޭގައި އެކަނި ވެސް، މަގުމައްޗަށް ފެން ފައިބާތީ އެކަން ހައްލުކުރަން 30 އިމާރާތެއްގެ ވެރިންނަށް ކައުންސިލުން އަންގާފައިވެއެވެ.

