
ރާއްޖެއަށް ބޭސް ގެނައުމާއި ވިއްކުމަށް އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ދަށަށް އެސްޓީއޯގެ ފާމަސީތައް ބަދަލުކުރާތީ ކުރިއަށް އޮތް ތިން ދުވަހު އެ ފާމަސީތައް ބަންދުވާނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން މިރޭ ބުނީ އެ ނިންމުން ނިންމީ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ.
އެހެންވެ ކުރިއަށް އޮތް ތިން ދުވަސް އެސްޓީއޯގެ ފާމަސީތައް ބަންދުވާނެ ކަމަށާއި ނަމަވެސް އިމިޖެންސީ ހާލަތުގައި އަދިވެސް އެ ފާމަސީތަކުން ބޭސް ލިބޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.
“މި މަސައްކަތް ނިމުމުން ފާމަސީތަކުގެ ހިދުމަތް ދީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން ނެވެ”އެސްޓީއޯއިން ބުންޏެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ބޭހުގެ ދަތިކަން ނިމުމަކަށް ގެނައުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ސްޓޭޓް ފާމަސޫޓިކަލް ކޮމްޕެނީ އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ފާއިތުވި ދުވަސްތަކުގައި އެ ކުންފުނިން ވަނީ އިދާރީ އޮނިގަނޑު އެކުލަވާލުމާ އެކު، ބޭސް ލިބުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުނީގެ އޮޕަރޭޝަންތައް ފުރިހަމައަށް ހިނގައިގަނެ، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ ޔަގީންކަން ސްޓޭޓް ފާމާއިން ވަނީ ދީފައެވެ.

