
އާދަޔާޚިލާފަށް ވައިބާރުވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްރީލަންކާގެ މޫސުމާބެހޭ އިދާރާއިން އެ ޤައުމުގެ ކަނޑުގެ ބޮޑު ސަރަޙައްދަކަށް އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނުގެ ނިޔަލަށް ރަތް ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރުނު މި އިންޒާރާ އެކު، އާދީއްތަ ދުވަހުގެ ހެނދުނު 6:30 އިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް، ކަނޑުމަތީގައި ހިންގާ އެއްވެސް ޙަރަކާތެއް ކުރިއަށް ނުގެންދިޔުމަށާއި އަދި މަސްވެރިކަން ކުރުމަށް ފުރުން ވަނީ މުޅިން މަނާކޮށްފައެވެ.
މި އިންޒާރުގައި ބަޔާންކޮށްފައިވާ ގޮތުން، ކަންކަސަންތުރައިން ފެށިގެން މަންނާރު މެދުވެރިކޮށް ކަލްޕިޓިޔާއާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދުތަކަށް ގަޑިއަކު 60 ކިލޯމީޓަރާއި 70 ކިލޯމީޓަރާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ. އަދި އެ ސަރަޙައްދުގެ ކަނޑުތައް އާދަޔާޚިލާފަށް ގަދަވާނެކަމަށް އެ އިދާރާއިން އިންޒާރުދެއެވެ. ހަމައެއާ އެކު، ތިރުކޫނަމަލެއިން މުއްލައިއްތީވޫ މަގުން ކަންކަސަންތުރައަށް، އަދި ކަލްޕިޓިޔާއިން ފެށިގެން ކޮލަމްބޯ، ގާލް، ހަމްބަންތޮޓަ މެދުވެރިކޮށް ޕޮއްޓުވިލްއާ ހަމައަށް އޮންނަ ކަނޑުގެ ސަރަޙައްދަށް ވެސް ގަޑިއަކު 50 ކިލޯމީޓަރާއި 60 ކިލޯމީޓަރާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، މަންނާރުން ފެށިގެން ކޮލަމްބޯ، ގާލް، ހަމްބަންތޮޓަ މަގުން ޕޮއްޓުވިލްއާ ހަމައަށް އޮންނަ ސަރަޙައްދުތަކުގައި ރާޅުގެ އުސްމިން 2 މީޓަރާއި 2.5 މީޓަރާ ދެމެދުގެ މިންވަރަކަށް އުފުލިގެންދާނެކަމަށް ބެލެވެއެވެ. އެހެންކަމުން، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި މަސްވެރިން މޫސުމުގެ މި ނުރައްކާތެރި ބަދަލުތަކަށް އިންތިހާއަށް ސަމާލުވުމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.

