
ބ. ކިހާދޫ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތް މި ހިނގާ އޮގަސްޓު މަސް ތެރޭ ފެށިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު ގިލާ އަލީ ވިދާޅުވެއްޖެއެވެ.
ގީލާ މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަަށް ޖަވާބު ދެއްވަމުންނެވެ. މައުރޫފު ސުވާލު ކުރެއްވީ ކިހާދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.
ގީލާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކިހާދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި މިހާރު އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
“ކިހާދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްތައް ކުރިއަށް ކުރިއަށް ގެންދިއުމަށް ވާނީ ބަޔަކާއި މިހާރު ހަވާލުކުރެވިފައި. އަދި އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން މިހާރު ވަނީ އެ ސަރަހައްދު މޮބިލައިޒް ކޮށްފައި. އަދި އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތްތައް މި މަސްތެރޭ ފެށިގެންދާނެ.” ގީލާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް ހަތްމަސްތެރޭ ކޮށް ނިންމުމަށް ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވައި ގީލާ ވިދާޅުވީ އަންނަ އަހަރު މި މަސައްކަތް ނިމި އާ އިމާރާތުން ރައްޔިތުންނަށް ހިދުމަތް ލިބިގެންދާނެ ކަމަށެވެ. މި މަސައްކަތް ކުރިއަށް ދާއިރު ރަށުން މިވަގުތު ލިބެން ހުރި ހިދުމަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަން ގީލާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ގީލާ ވިދާޅުވީ މިވަގުތު ވެސް އާންމު ބަލިތަކުގެ ޑޮކްޓަރެއް އެ މަރުކަޒުގައި މަސައްކަތްކުރަމުން އަންނަ ކަމަށާއި އަދި މިއަހަރުތެރޭގައި އެރަށުގައި ލެބޯޓްރީއެއް ގާއިމްކުރެވި އެތަނުން އާންމުންނަށް ހިދުމަތްދެވެން ފަށާނެ ކަމަށެވެ.

