
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރުމުން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ދެ އެކްޓިވިސްޓުން ކަމަށްވާ ހުމައިދާ އަބްދުލްގަފޫރު އަދި މުހައްމަދު ސީނީން އެވެ.
އެންމެ ދިރަޔަމަ މި މައްސަލަ ހުށަހެޅުމުން އިސްލާހުކުރުމަށް އަންގައި ހައި ކޯޓުގެ ރަޖިސްޓްރާ މައްސަލަ ބޭރުކޮށްލި އެވެ. މިދިޔަ ޑިސެމްބަރު މަހު ހުށަހެޅި މައްސަލަ ބޭރުކޮށްލީ އެ ކަމަށް އެކުލަވާލާފައިވާ ގަވާއިދު ގާނޫނުއަސާސީއާ ހިލާފުވާ ގޮތެއް ބަޔާން ނުކުރާތީ ކަމަށް ބުނެ އެވެ.
ދެވަނަ ފަހަރަށް އިސްލާހުތަކެއް ގެނެސްގެން މައްސަލަ ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. ގަވާއިދު މަސްވެރިކަމުގެ ގާނޫނާ ހިލާފު ކަމަށް ބުނެ ދެވަނަ ފަހަރު ހުށަހެޅި މައްސަލަ ވެސް ރަޖިސްޓްރާ ބަލައިނުގަންނަން ނިންމީ އެ ހިލާފުވާ ގޮތެއް ބަޔާންކޮށްފައި ނުވާތީ ކަމަށް ބުނެ އެވެ.
ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި މުރާޖާ ކުރުމަށް ހުށަހެޅުމުން، ފަނޑިޔާރުންގެ މަޖިލީހުން ނިންމީ އާންމު މަސްލަހަތު ވެސް ހިމެނޭ ކަމަށްވާތީ އާއި ގާނޫނާ ހިލާފުވާ ކަމަށް ބުނާ ގަވާއިދުގެ މައްސަލަ ހައި ކޯޓަށް ބެލޭނެ ކަމަށެވެ.
ކަށިމިޔަރުގެ މަސްވެރިކަން 2010ވަނަ އަހަރުން ފެށިގެން ރާއްޖެގައި މަނާކޮށްފައި އޮންނަތާ 16 އަހަރު ފަހުން އަލުން ހުއްދަކުރީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ. އެ ގޮތުން 40 އުޅަނދަކަށް އެ ކަމުގެ ހުއްދަ އާއި ލައިސަންސް ސަރުކާރުން ވަނީ ދޫކޮށްފަ އެވެ.

