
ދިވެހިރާއްޖޭގައި ބޭސް ލިބުމުގައި އާންމުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ބޭހުގެ އަގު އިންތިހާއަށް އުފުލެމުންދާ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަގުސަދުގައި، ދައުލަތުގެ ކަމާގުޅުންހުރި ކުންފުނިތަކުގެ އިސްވެރިން މިއަދު ހެނދުނު އެގާރަ ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
މި މުހިންމު ބައްދަލުވުމަށް ހާޒިރުކުރުމަށް ހަމަޖެހިފައި ވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އަލަށް އުފެއްދި ސަރުކާރުގެ ކުންފުނި ކަމަށްވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ އިސްވެރިންނެވެ. މިއީ އާންމު ރައްޔިތުންނާ ސީދާ ގުޅުންހުރި ބޮޑު މައްސަލައަކަށް ވުމާއެކު، މުއައްސަސާތައް ޖަވާބުދާރީވާ މަންޒަރު އާންމުންނަށް ފެންނާނެހެން ކޮމިޓީ ބައްދަލުވުން ވަގުތުން ދުރަށް ދެއްކުމަށް ވަނީ ނިންމާފައެވެ.
ކަމާބެހޭ ފަރާތްތައް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ފާސްކޮށްފައި ވަނީ ނިމިދިޔަ މަހުގެ 27ވަނަ ދުވަހު ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައެވެ. މިކަން ކޮމިޓީއަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުހައްމަދު ނާޒިމެވެ.
ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި މިކަން ސިފަކުރައްވައި ކޮމިޓީގެ މެންބަރުން ވަނީ، ބޭސް ސިޓީއަށް ބޭސްކޮޅު ހޯދުމަށްޓަކައި އެތައް ފާމަސީއަކަށް އާންމު ރައްޔިތުން ހިނގަންޖެހޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އަތޮޅުތެރެއާއި މާލެ ސަރަހައްދުގައި ވެސް އަސާސީ ބޭސްތައް ލިބުން ދަތިވެފައިވާއިރު، ލިބެން ހުންނަ ބޭހުގެ އަގު ވެސް އާދަޔާޚިލާފަށް ބޮޑުކަން ފާހަގަކުރައްވައި، މި ތަކުލީފުތަކުން ރައްޔިތުން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މެންބަރުން ވަނީ ގޮވާލައްވާފައެވެ.

