
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިވެހިރާއްޖޭގެ ބޭންކިން ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، މާލީ ގޮތުން ހަރުދަނާ ނަތީޖާތަކެއް ނެރެފިކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެންމެ ފަހުގެ ރިޕޯޓުން ދައްކައިފިއެވެ.
އެމްއެމްއޭ އިން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ “އިކޮނޮމިކް ބުލެޓިން”ގައި ވާގޮތުން ޓެކްސް ކެނޑުމަށް ފަހު ބޭންކުތަކަށް ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު ވަނީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %28 ނުވަތަ 241.2 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިއާ އެކު ޓެކްސްގެ ކުރިން ބޭންކު ތަކަށް ލިބުނު ޖުމްލަ ފައިދާ ވަނީ 1.5 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މި ކުރިއެރުން ލިބިފައި ވަނީ ބޭންކުތަކުން ލޯނު ދޫކޮށްގެން ހޯދާ އާމްދަނީ (ނެޓް އިންޓްރެސްޓް އިންކަމް) %18 އިތުރުވުމާއި ޕްރޮވިޝަން ހަރަދުތައް ކުޑަވުމުގެ ސަބަބުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގައިވާ ގޮތުން ބޭންކިން ދާއިރާގެ ޖުމްލަ އެސެޓް ވަނީ 117.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު % 6 ނުވަތަ 6.8 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނެފައި ވަނީ އާންމުންނާއި ވިޔަފާރިތަކުން ބޭންކުތަކުގައި ޖަމާކޮށްފައިވާ ފައިސާ ނުވަތަ ޑިޕޮޒިޓް ބޭސް 7 އިންސައްތަ އިތުރުވުމެވެ.

