
ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ އެމްޑީ ސިއަމް އަހްމަދް(21އ) އާއި ރޮބެލް މިއަހް (35އ)އެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންއެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓްއިން މި މަހުގެ 11ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 12 ފުޅި ބަނގުރާ ފެނުނުކަމަށް ފުލުހުން ބުންޏެވެ.
އަދި އެ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، މިހާރު އެ ދެމީހުން ވަނީ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

