
ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ހަދިޔާކުރި ވިހިހާސް ގަސް، އިއްޔެ ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢަށް އެއްބާރުލުން ދިނުމަށް ހަދިޔާކުރި ގަސްތައް، ރާއްޖެއާ ޙަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާންއެވެ. އަދި ދިވެހި ދައުލަތުގެ ފަރާތުން މި ގަސްތަކާ ޙަވާލުވެވަޑައިގަތީ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރު ޢަލީ ޝަރީފްގެ އިތުރުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ވަނީ އެ ޕާކުގައި ރަމްޒީ ގޮތުން ގަހެއް ވެސް އިންދަވައިދެއްވާފައެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ދެ ޤައުމުގެ އިސް ބޭފުޅުން ވެސް ވަނީ، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ދެ ޤައުމުގެ ގޮތުގައި ރާއްޖެއާއި ބަންގްލަދޭޝް އޮތްކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ އެހީތެރިކަމުގެ ސަބަބުން، ތިމާވެށީގެ ރޮނގުން ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
ރާއްޖޭގެ ފެހިކަން އާލާކޮށް، ގުދުރަތީ ވެށި ޙިމާޔަތްކުރުމަށްޓަކައި 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ހަރަކާތެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ބިޔަ މަޝްރޫޢު އެމަނިކުފާނު އެންމެ ފުރަތަމަ އިޢުލާންކުރައްވާފައި ވަނީ، އެކުވެރި ޢަރަބި އިމާރާތުގައި ބޭއްވުނު ކޮޕް-28 ސަމިޓުގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުންނެވެ.

