
މާލޭގެ ރަސްފަންނު ސަރަހައްދުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ތަރައްޤީކުރި ޒަމާނީ ފާޚާނާބަރި، އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން އިއްޔެ ހަވީރު އިންފްރާސްޓްރަކްޗަރ އެންޑް ހައުސިންގ މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
މި ކަމަށްޓަކައި ރަސްފަންނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ކުންފުނީގެ ފަރާތުން މި ތަން ސަރުކާރާ ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު މުޢީންއެވެ. އަދި ހައުސިންގ މިނިސްޓްރީގެ ފަރާތުން މިއާ ހަވާލުވެވަޑައިގަތީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއެވެ. މިއީ ސީދާ އެ މިނިސްޓްރީގެ އެދުމުގެ މަތިން ކުރިއަށްގެންދިޔަ މަޝްރޫޢެއްކަން އެމްޕީއެލްއިން ވަނީ ފާހަގަކޮށްފައެވެ.
As part of MPL’s CSR programme #Badhahi, MPL has built a new block of public toilets at Rasfannu and officially handed over to the Ministry of Infrastructure, Housing and Urban Development.
Comprising two toilets and a shower area, the facility has been designed to be easily… pic.twitter.com/NLiDwckcx5
— Maldives Ports Limited (@Portmv) August 5, 2026
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނުކުމެވޭނެހެން ފަރުމާކޮށްފައިވާ މި ފާޚާނާބަރީގައި، ދެ ފާޚާނާގެ އިތުރުން ފެންވެރޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، މި ތަނަކީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް ބޭނުންކުރަން ފަސޭހަވާނެ ގޮތަށް ހަދާފައިވާ ތަނެކެވެ. މި މަސައްކަތުގެ ކުރެހުންތައް އެމްޕީއެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓުން ތައްޔާރުކުރިއިރު، އަމަލީ މަސައްކަތްތައް ފުރިހަމަކުރީ އެ ކުންފުނީގެ ފެސިލިޓީ ޑިޕާޓްމަންޓުގެ މުވައްޒަފުންނެވެ.
ރަސްފަންނަށް ޒިޔާރަތްކުރާ މީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މި ފާޚާނާބަރި ހުޅުވާފައިވާއިރު، އެ ސަރަހައްދުގެ މޫދަށް އެރޭ ބައި މަރާމާތުކުރުމަށް ފަހު ހައުސިންގ މިނިސްޓްރީން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލާފައެވެ. އެ މަސައްކަތްތައް ސަރުކާރުން އޭރު ކުރިއަށްގެންދިޔައީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

