
މާލޭ ނޯތު ހާބަރުގެ އޭ ޒޯންއިން ވެސް އޮޑިދޯނިފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ދޭން ފަށައިފިއެވެ.
މީގެ ކުރިން މާލެ ނޯތު ހާބަރގެ “އޭ ޒޯން” (ބޮޑުތަކުރުފާނު މަގާވީ ފަރާތް)އިން ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ “ބީ ޒޯން”އަދި “ސީ ޒޯން”އިންނެވެ.
ނަމަވެސް އޭ ޒޯންއަށް ވެސް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ ނިޒާމް ގާއިމްކުުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު، މިއަދު ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ސެގްމަންްޓް ފުރިހަމަކޮށް، މާލޭ ނޯތު ހާބަރު ސަރަހައްދު އަލުން ހުޅުުވުމާއެކު މާލޭ ނޯތު ހާބަރުގެ ހިދުމަތް ފުޅާކޮށް، “އޭ ޒޯން”ގައި ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ އަންގަވައިފަ އެވެ. އެހެންވެ މި އަހަރުގެ މާރިޗު މަހުގެ ތެރޭަގައި “އޭ ޒޯން”ގައި ކަރަންޓާއި ފެން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އެމްޕީއެލްއިން އޮތީ ފަށައިފައެވެ.
މާލޭ ނޯތު ހާބަރގެ “އޭ ޒޯން”އިން ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަކީ މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑި ދޯނި ފަހަރަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމެކެވެ. މިހާރު “އޭ ޒޯން”އިން އެއް ފަހަރާ 48އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ގާއިމުކޮށްފައެވެ.

