![]()
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވާ ކަން ހާމަކުރައްވާފައި ވަނީ ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަތީފް ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަތީފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނު 2010ވަނަ އަހަރު ވުޖޫދުވި ފަހުން މިހާތަނަށް އެއްވެސް އިސްލާހެއް ގެނެސްފައި ނުވާކަމަށެވެ. ވުމާ އެކު މުޅިން އާ ގާނޫނެއްގެ ސިފައިގައި މުހިންމު ބަދަލުތަކަކާ އެކު ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ދާއިރާއިން މަސައްކަތްކުރާ ފަންނީ މީހުންނާއި ޖަމްޢިއްޔާ ޖަމާތްތަކުގެ ޚިޔާލާއި މަޝްވަރާއާ އެކު ކަމަށް ވެސް އަތީފް ވިދާޅުވިއެވެ.
“ތަޢުލީމީ، ސިއްޙީ ޙައްޤުތައް ފަދަ ކަންކަން ލިޔެފައިހުރި ވަރަށް ތިލަކޮށް. އަލަށް އެކުލަވާލާ ޤާނޫނުގައި ވަކިވަކި ދާއިރާތަކާއި އިދާރާތަކުގެ ޒިންމާތައް ވަރަށް ސާފުކޮށް ލިޔެވޭނެ. އެފަދަ މީހުން ބާރުވެރިކުރުމުގައި ގެންގުޅޭނެ މޮޑެލްތަކަކީ ކޮބައިތޯއާއި، ވަސީފާ ނުވަތަ މަލީ ފުދުންތެރިކަން އިތުރުކުރުމާ ގުޅޭ ކަންކަން ކަޑައެޅޭނެ.” އާތިފް ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ މި ގާނޫނު އިސްލާހުކުރުމުގައި ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ގާއިމުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި މިއީ ފަހުން ދިމާވެދާނެ ހިރާސްތައް ކުޑަކޮށް، ޙައްލު ހޯދުމަށް އެހީވެދޭނެ ވަރަށް މުހިންމު ކަމެއްކަމަށެވެ.
