
ހެޔޮ އަގުގައި ކާށި ހޮވަން ރަށްރަށަށް ދޫކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އިނގުރައިދޫ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދާ، ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމުގެ ބިލަށް ބަހުސް މަރުހަލާގައި ވާހަކަފުޅުދައްކަވަމުންނެވެ. ފަލާހު ވިދާޅުވީ ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ގެނެވޭ މުހިންމު ބަދަލުތަކެއް ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދުގެ 90 އިންސައްތަ ބަރޯސާވަނީ ފަތުރުވެރިކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްވެސް ބޭނުމެއް ނުކޮށް އެތަށް ސަތޭކަ ފަޅުރަށެއް އެބަ ހުރި ކަމަށެވެ. އަދި މިހާރު އަމަލު ކުރަމުންދާ އުސޫލަކީ 1980 ގެ އަހަރުތަކުގެ ގާނޫނެއް ކަމަށް ވެސް ވިދާޅުވިއެވެ.
“ރާ އަތޮޅުގައި އެކަނި ވެސް 90 އެއްހާ ފަޅުރަށް އެބައޮތް، ބައެއް ރަށްރަށް ކާށި ހޮވަން ދޫކޮށްފައި ވަނީ މަހަކު 60 ނުވަތަ 80 ރުފިޔާ ފަދަ ކުޑަ އަގުތަކެއްގައި. މިފަދަ މުހިންމު، ދައުލަތުގެ ޚަޒާނާއަށް ބޮޑު އާމްދަނީއެއް ލިބެން އޮތް ކަމެއް މިހާ ގިނަ ދުވަސްވީއިރު ދޯދިޔާ ގޮތަކަށް އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން” ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އަލަށް ހުށަހަޅާފައިވާ އިސްލާހުތަކާ އެކު، ރަށްރަށް ކުއްޔަށް ދޫކުރާނެ ވަކި ރޭޓުތަކެއް ކަނޑައެޅިގެންދާނެ ކަމަށާއި އެގޮތުން ސިނާއީ އަދި އިގްތިސާދީ ބޭނުންތަކަށް އަކަމީޓަރަކަށް 3 ރުފިޔާ، އަދި މަސްވެރިކަމާއި ދަނޑުވެރިކަމަށް އަކަމީޓަރަކަށް 2 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު އަގެއް ނެގޭނެ ކަމަށެވެ. އަދި މި ބިލާ އެކު ދައުލަތަށް އެންމެ ފައިދާހުރި ގޮތަށް ރަށްރަށް ބޭނުންކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

