
މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ މެދު ދާއިރާގެ ނަތީޖާއާމެދު ހިތްހަމަނުޖެހިގެން މައި އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިންތިހާބީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓަރ ނިންމަވައިފިއެވެ.
މި މައްސަލަ ކޯޓުން ބޭރުކޮށްލާފައި ވަނީ، ވޯޓު ފޮށިތައް އަލުން ނުގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ގާނޫނީ ގޮތުން ކޮން ސަބަބަކާ ހުރެ ގޯސް ނިންމުމެއްކަން އެމްޑީޕީއަށް ސާފުކޮށްދެވިފައި ނުވާތީއެވެ. އެމްޑީޕީން ކޯޓުގައި ދައުވާކޮށްފައި ވަނީ ބާތިލު ކުރަންޖެހޭ ވޯޓެއް ސައްހަ ވޯޓެއްގެ ގޮތުގައި ގުނާފައިވާ ކަމަށާއި، އަލުން ނަތީޖާ ގުނައިފިނަމަ އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓު ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ހުޅުމާލެ މެދު ދާއިރާގެ ގޮނޑި ކަށަވަރުކުރައްވާފައި ވަނީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސަނީހް ހަނީފެވެ. އޭނާއަށް 916 ވޯޓު ލިބިވަޑައިގެންނެވިއިރު، އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ސަފާތު އަހުމަދު ޒާހިރަށް ލިބިވަޑައިގަތީ 905 ވޯޓެވެ.
މީގެ އިތުރުން ވެސް، އެހެނިހެން ބައެއް ރަށްރަށުގެ ކައުންސިލް އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާކަމަށް ބުނެ، އެ ރަށްރަށުގެ ވޯޓުފޮށި ވެސް އަލުން ގުނައިދިނުމަށް އެދި އެމްޑީޕީން ކޯޓަށް މައްސަލަތަކެއް ވެއްދިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެއްވެސް އަސާސެއް ނެތްކަމަށް ކަނޑައަޅައި، އެ ހުރިހާ މައްސަލަތަކެއް ވެސް ބަލައިނުގަނެ ކޯޓުން ބޭރުކޮށްލާފައެވެ.

