
ހުޅުމާލެއިން އާންމު ރައްޔިތުންނަށް ދޫކޮށްފައިވާ ދެހާހަށްވުރެ ގިނަ ގޯތީގައި ވިޔަފާރިއާއި މުޖުތަމަޢަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ތަރައްޤީކުރެވޭނެ ގޮތަށް އުސޫލުތައް ބަދަލުކޮށްދެއްވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އިޢުލާންކުރައްވައިފިއެވެ.
ހިޔާ ޓަވަރުތަކަށް އިތުރުކުރި ލިފްޓްތައް ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އާންމުންނަށް ދޫކޮށްފައިވާ ބިންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި މިހާރު ހުރި ގަވާއިދުތަކުގެ ތެރެއިން އެޅުވިފައިވާ “ތަޅުތައް” ނައްތާލަންޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކަކީ ހަމައެކަނި އެޗްޑީސީގެ ބިންތަކުން ލިބެންޖެހޭނެ ޚިދުމަތްތަކެއް ނޫން ކަމަށެވެ. އެގޮތުން، އަމިއްލަ ގޯތިތަކުގައި ކްލިނިކްތަކާއި، ޕްރީސްކޫލް އަދި ޝޮޕިންގް މޯލް ފަދަ ތަންތަން އިމާރާތްކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ ބަދަލެއްގެ ސަބަބުން ބިންވެރިންނަށް މާލީ ގޮތުން ބޮޑެތި މަންފާތަކެއް ލިބިގެންދާނެކަމަށާއި، އަދި ހަމައެއާއެކު އެ ސަރަޙައްދުގައި ވަޒަންވެރިވެފައިވާ އާންމުންނަށް ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ޑރ. މުއްޠަލިބް ދެއްވިއެވެ. މިއީ މުޅި ހުޅުމާލޭގެ އިޤްތިޞާދަށް ވެސް އޭގެ ހެޔޮ އަސަރުކުރާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ފާގަތި ދިރިއުޅުމެއް އާބާދުކުރުމަށް މަގުކޮށައިދިނުންކަމުގައި ވަޒީރު ތަކުރާރުކުރެއްވިއެވެ. މިކަން އިޢުލާންކުރައްވާފައި ވަނީ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިފްޓުގެ ދަތިކަން ކުރިމަތިވަމުންދާތީ، އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ހުރިހާ ޓަވަރެއްގައި އަލަށް ހަރުކުރި ދެ ލިފްޓް ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ އުފާ ފާހަގަކުރުމުގެ ތެރެއިންނެވެ.

