ހުޅުމާލެއިން މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު / އާވާޒް، އަހުމަދު ގާސިމް (42އ) އާއި ގދ. ގައްދޫ / ރަޖީނާގެ، އިބްރާހީމް ނިޔާޒު (36އ) އަދި ހއ. މާރަންދޫ / ސަނީބީމް، އަމްރު ޖަލީލް (20އ) އެވެ.
ފުލުހުން ބުނީ އެ މީހުންގެ ތެރެއިން އަހުމަދު ހައްޔަރުކުރީ އިއްޔެ ހަވީރު ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ހުޅުމާލެ ފޭސް އެކެއްގެ ހިރުނދުމަގުން އޭނާ ފެނުނުއިރު، އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
އަމްރު ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު ފޭސް އެކެއް ޕެޓްރޯލުކުރަމުން ދިޔައިރު، ރުއްގަނޑު ދޭއް ސަރަހައްދުން އޭނާ ދުއްވި ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު ފުލުހުން ފެނުމުން ފިލަން މަސައްކަތް ކުރުމާ ގުޅިގެންނެވެ. ފުލުހުން ބުނި ގޮތުގައި 119 ނަންބަރު ފްލެޓް ކައިރިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވާ ކަމުގަ އެވެ.
ފުލުހުން ބުނީ އިބްރާހީމް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު ހުޅުމާލޭ ފޭސް ދޭއް ޕެޓްރޯލުކުރަމުން ދިޔައިރު، ހިޔާ ޓަވަރު 16 ކައިރިން ކަމަށެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 67 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
ފުލުހުން ގެންދަނީ އެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.