މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި މާލެ ސަރަަހައްދުގައި ހިނގި މަގުމަތީގެ އެކްސިޑެންޓުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެެފައިވާތީ މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
“އެކްސް” ގައި މިއަދު ކުރި ޕޯސްޓެއްގައި ފުލުހުން ވަނީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ ތަފާސް ހިސާބު އާންމުކޮށްފަ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ޖުމްލަ 1،068 އެކްސިޑެންޓު ހިނގާފައިވެ އެވެ. އެއީ:
- ޖެނުއަރީ – 318 އެކްސިޑެންޓު
- ފެބްރުއަރީ – 399 އެކްސިޑެންޓު
- މާޗް – 352 އެކްސިޑެންޓު
އެންމެ ގިނަ އެކްސިޑެންޓުތައް ހިނގި ކަމަށް ރިޕޯޓުކޮށްފައިވާ ފެބްރުއަރީ މަހު އެކަކު ވަނީ މަރުވެފަ އެވެ.
From January to March 2025, the MPS recorded a significant number of traffic accidents across the Malé Area, with February showing the highest spike in incidents and one tragic road fatality reported during that month. pic.twitter.com/BvY7Xg8DML
— Maldives Police (@PoliceMv) April 22, 2025
މަގުމަތީގެ އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގާފައި ވަނީ މާލޭގަ އެވެ. އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު 561 އެކްސިޑެންޓު ހިނގިއިރު، އެންމެ ގިނަ އެކްސިޑެންޓު ރިޕޯޓުކުރީ ފެބްރުއަރީ މަހު އެވެ. އެ މަހު 216 އެކްސިޑެންޓު ހިނގި އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު 152 އަދި މާޗް މަހު 193 އެކްސިޑެންޓު ހިނގާފައިވެ އެވެ.
މާލެއަށް ފަހު ދެން އެންމެ ގިނަ އެކްސިޑެންޓުތައް ހިނގީ ހުޅުމާލޭގަ އެވެ. ޖުމްލަ 454 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު، އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގާފައި ވަނީ ފެބްރުއަރީ މަހު އެވެ. އެ މަހު 169 އެކްސިޑެންޓް ހިނގިއިރު، ޖެނުއަރީ މަހު 145 އެކްސިޑެންޓު ހިނގާފައިވެ އެވެ. މާޗް މަހު ހިނގި ކަމަށް ރިޕޯޓުކުރީ 140 އެކްސިޑެންޓެވެ.
ތިން ވަނައަށް އެންމެ ގިނަ އެކްސިޑެންޓު ހިނގި ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގަ އެވެ. އެއީ 49 އެކްސިޑެންޓެވެ. ޖެނުއަރީ މަހު 19، ފެބްރުއަރީ މަހު 12 އަދި މާޗް މަހު 18 އެކްސިޑެންޓު ހިނގާފައިވެ އެވެ.
މާޗް މަހުގެ ނިޔަލަށް އެންމެ މަދުން އެކްސިޑެންޓު ހިނގާފައި ވަނީ ވިލިމާލޭގަ އެވެ. އެ ރަށުގައި ހިނގި ކަމަށް ރިޕޯޓުކޮށްފައި 4 އެކްސިޑެންޓެވެ. ޖެނުއަރީ މަހު 2 އެކްސިޑެންޓު ހިނގިއިރު، ފެބްރުއަރީ އަދި މާޗް މަހު ހިނގީ އެންމެ އެކްސިޑެންޓެކެވެ.
މަގުމަތީގައި އުޅޭއިރު މިހާރަށް ވުރެ ބޮޑަށް ސަމާލުކަންދީ ޒިންމާދާރުވާން ޖެހޭކަން އެ އަދަދުތަކުން ހާމަވާ ކަމަށް ފުލުހުން ބުންޏެވެ. މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކޮށް ފުލުހުން ވަނީ ޓްރެފިކް ގާނޫނަށް ތަބާވެ، އެކެއް އަނެކެއްގެ ސަލާމަތާއި ރައްކާތެރި ކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.