އިންޑިއާގެ ވިޔަފާރީގެ ހަބު، މުމްބާއީގެ ނޭވަލް ޑޮކްޔާޑުގައި ދިވެހި ކޯސްޓްގާޑް ޝިޕް ”ހުރަވީ” މަރާމާތުކޮށް އަޕްގްރޭޑް ކުރުމުގެ ބޮޑު މަސައްކަތެއް އިންޑިއާ ނޭވީން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީން އިއްޔެ އާއްމުކުރި ޕްރެސް ރިލީޒްއެއްގައި ބުނީ ހުރަވީ މަރާމާތު ކޮށްފައިވަނީ އިންޑިއާގެ މަހާސަގަރް ވިޝަން (މިއުޗުއަލް އެންޑް ހޯލިސްޓިކް އެޑްވާންސްމަންޓް ފޯ ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން) އަދި “ނެއިބަހުޑް ފަސްޓް” ސިޔާސަތުގެ ދަށުން ކަމަށެވެ.
މަރާމާތަށް ފަހު އެ ބޯޓު ރާއްޖެ އަށް އައުމަށް އިއްޔެ ވަނީ އިންޑިއާ އިން ފުރާފަ އެވެ. މަރާމާތަށް ”ހުރަވީ” އިންޑިއާ އަށް ދިޔައީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.
މުމްބާއީގައި ބޯޓު އޮތް 4 މަސް ދުވަހުގެ ތެރޭގައި އިންޑިއާގެ މެއިންޓެނަންސް ޓީމުން ވަނީ ބޯޓުގެ މަރާމާތުގެ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ރާއްޖެ ފުރާފައިވަނީ ގިނަ ޓެސްޓުތަކެއް ހެދުމަށް ފަހު އެވެ.
ހުރަވީ އަކީ އިންޑިއާގައި އުފެއްދި އުޅަނދެކެވެ. ކުރިން ގެންގުޅުނު އުޅަނދުގެ ބަދަލުގައި އާ އުޅަނދު އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރީ 2023 ވަނަ އަހަރު އެވެ.