ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ދަރިކަލަކަށް ތުހުމަތުކޮށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލުގެ އިތުރުން ޕާޓީ އާ ދެކޮޅަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ދައުވާ އުފުލައިފި އެވެ.
އެމްޑީޕީން ސިލްސިލާކޮށް މާލޭގައި ބާއްވަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާގެ ފަރާތުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި އާއިލާގެ ފަރާތުން ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވަނީ އެ މައްސަލައިގައި މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާ އަދި އެ ޕާޓީގެ މައްޗަށް މަދަނީ ދައުވާކުރަން ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ.
އެފަހުން މާޗް 19 ގައި އާޒިމާގެ ލޯފާމް، ރެހެންދި ޗެމްބާސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދަރިކަލުންނަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަތަކުން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާތީ، ދަރިކަލުންގެ މަންމަ، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން މަންދީގެ މައްޗަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ރަޖިސްޓާކޮށްފައިވާކަން ހާމަކޮށް ރެހެންދި ޗެމްބާސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދަރިކަލުންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ދަރިކަލުންގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާ ހާލަތެއް މެދުވެރިކުރުވައި، ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ދަރިކަލުންގެ ފަސްޓް ލޭޑީގެ ފަރާތުން ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ހައްގު ނިގުޅައިގެންފައިވާތީ އެވެ. މައްސަލައިގައި މަންދީ އާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒުގެ މައްޗަށް ވަކިވަކިން ދައުވާ ހުށަހަޅާފަ އެވެ.
މަންދީ އާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒުގެ މައްޗަށް ވަކިވަކިން ދައުވާ ކުރަން ފެމިލީ ކޯޓަށް ވެސް ވަނީ މައްސަލަ ހުށަހަޅާފަ އެވެ. އެއީ ގާނޫނު އަސާސީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމުގެ ގާނޫނުގެ އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ އެވެ.
މައްސަލަތައް ހުށަހަޅާފައި ވަނީ ގާނޫނު އަސާސީ އާއި ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ހައްގު، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިން ވިޔަސް، ނިގުޅައި ނުގަނެވޭނެކަން ކަށަވަރުކޮށް، އެ ކުދިންގެ ތައުލީމާއި މުސްތަގުބަލު އަދި ނަފްސު، ގަނާ ކުރުމާއި ފުރައްސާރަ ކުރުމާ އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށް ކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަގުސަދުގައި ކަމަށް ރެހެންދި ޗެމްބާސްއިން ބުންޏެވެ.
“މިއަދު އެ މަގާމުގައި ތިއްބެވި އެ ކަމަނާގެ ބޭފުޅުންނަށް ރައްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި މާދަމާ އެ މަގާމުތަކުގައި ތިބެދާނޭ އެހެން ކުދިންނަށް ރައްކާތެރިކަން ޔަގީންވެފައި އޮތުމަކީ، ކޮންމެހެން ބޭނުން ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދެކެވަޑައިގަންނަވާތީ އެވެ.” ބަޔާނުގައިވެ އެވެ.
މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އާއި ފައްޔާޒުގެ އިތުރުން އެ ޕާޓީ އާ ދެކޮޅަށް ދައުވާކުރަން މައްސަލަ ކޯޓުތަކަށް ހުށަހަޅާފައިވާއިރު، އެމްޑީޕީން ވަނީ ދަރިކަލުންގެ ކަރާމާތް ނަގާލީ ފަސްޓް ލޭޑީ އާއި ވަކީލު ކަމަށް ބުނެ، އެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމާފަ އެވެ.