ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ކުރަން ހަމަޖައްސައި އެއް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ސިފައިންނާ ހަވާލުކޮށްފި އެވެ.
އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސްގެ އޮފީހުން ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ދާދި ފަހުން ތެލެސީމިއާ ސެންޓަރުގައި ހިނގައިދިޔަ ކަންކަމަށް އަލިއަޅުއްވާލައްވައި އެ ތަނުގެ ހާލަތު ބެއްލެވުމަށްފަހު ކަންކަން ރަނގަޅު ކުރުމަށް އެޅުއްވުމަށް ނިންމެވި ފިޔަވަޅުތައް ހިއްސާކުރައްވާފަ އެވެ.
އެގޮތުން އެ ސެންޓަރު ހިންގުމަށް ހާއްސަ ވަކި ފަރާތެއް ނެތްކަން ފާހަގަކުރައްވައި، އެކަން އިތުރަށް ލަސްވިޔަނުދިނުމަށް ސިވިލް ސާވިސްގެ ތެރެއިން އެ މަގާމަށް އެކަށޭނަ ފަރާތްތައް ބެއްލެވުމަށްފަހު އެންމެ އެކަށީގެންވާ ފަރާތެއް އެ ސެންޓަރު ހިންގުމަށް މިހާރު އައްޔަނުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެ ސެންޓަރު ހިންގަން ތިއްބެވި ބައެއް މުވައްޒަފުން ބަދަލުކޮށްދެއްވުމަށް އެދިފައިވާތީ އެކަން ވެސް ކޮށްދެއްވައި އެ މަގާމުތަކަށް އެހެން ބޭފުޅުން ހަމަޖައްސަވާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. މީގެއިތުރުން ނަރުހުންގެ މަދުކަން ފާހަގަކޮށްފައިވާތީ މިހާރު 5 ނަރުހުން އެ ސެންޓަރަށް ނެގުމަށް އިއުލާނުކޮށްފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ތެލެސީމިއާ ސެންޓަރަށް ވަސީލަތްތައް ހަމަކުރުމަށް ނިންމަވައި، އެކަމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ޓެސްޓް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމާއި އެކަމަށް ބޭނުންވާ ބަޖެޓުގެ ކަންކަން ހަމަޖެއްސުން ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ފިލްޓަރުގެ މައްސަލަ އާއި ދެން ވެސް ބެލެނިވެރިން ފާހަގަކުރެއްވި މައްސަލަތައް އެމަނިކުފާނު ވަރަށް ގާތުން ބައްލަވައި، އެ ކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި، އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ “އޮރެންޖް ހިޔާ” އަށް ޒިޔާރަތްކުރައްވައި އެ ތަން ބައްލަވާލައްވާފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
އެ ތަނުގެ މަސައްކަތުގެ ބޮޑު ބައެއް އަދިވެސް ނުނިމޭތީ އާއެކު އަދި ކޮންޓްރެކްޓް ވެސް ހަމަވާތީ މާދަމައިން ފެށިގެން އެ ތަން ނިންމުމުގެ މަސައްކަތް، ގައުމީ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ސިފައިންނާ ހަވާލުކުރައްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެ މަސައްކަތް ހަވާލުކުރެއްވީ އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަމުގައި ފާހަގަކުރެއްވި އެވެ.
ރައީސްގެ އޮފީހުން ކުރިއަށް ގެންދިޔަ އެ ޕޮޑްކާސްޓުގައި، އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ބަދަލުކުރުމުގެ ކަންކަން ރަނގަޅަށް އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ކުރިއަށްގެންދިއުމަށް އިރުޝާދު ދެއްވާފައިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި އޮރެންޖް ހިޔާއިން ތެލަސީމިއާގެ ހިދުމަތް ފޯރުކޮށްދޭން ފެށުމުން ހިދުމަތް ހޯދާ ފަރާތްތައް އެ ތަނަށް ދަތުރުކުރުމަށް، އެމްޓީސީސީގެ ބަސްހުއްޓިއެއް ހަމަޖެއްސުމާ އެކު، ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ސްޓޭޓް އޮފް ދި އާޓް، ތެލެސީމިއާ ހިދުމަތްދޭ ތަނެއް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ރައީސް ބައިވެރިވެވަޑައިގެންނެވި މިއަދުގެ ޕޮޑްކާސްޓްގައި އެކަމަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.