
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އާ އިޞްލާޙުތަކުގެ ސަބަބުން، ޓެކުހަށް މަކަރު ހެދުމުގެ ފުރުސަތުތައް ހަނިވެ، މުޅި ނިޒާމަށް އޮތް އިތުބާރު ބޮޑުވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
މި ބިލުގެ އިބްތިދާއީ ބަހުސްގައި މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މިއީ ދައުލަތަށް ލިބޭ އާމްދަނީ ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ވިދާޅުވީ، ޓެކްސް ނިޒާމުގައި ހުރި ބައެއް ބާގަނޑުތަކުގެ ބޭނުން ހިފައިގެން ޓެކުހަށް މަކަރު ހަދަމުންދާތީ، ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ގެއްލެމުންދާ ކަމަށެވެ. އަދި މި އިޞްލާޙުގެ ސަބަބުން ވިޔަފާރިތަކަށް މިހާރު ކުރިމަތިވާ ބައެއް ދަތިތަކަށް ހައްލު ލިބި، އިންބައުންޑް ޓުއަރިޒަމް ކުރިއެރުވުމަށް ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“ޓެކްސް ދައްކަން ޖެހޭނީ ހަމައެކަނި އާއްމު މީހާއެއް ނޫން. ލޫޕްހޯލްތައް ބޭނުންކޮށްގެން ޓެކްސްއިން ރެކުމުން ދަޢުލަތަށް އެތައް މިލިއަން ރުފިޔާއެއް ގެއްލޭ،” މެންބަރު އިބްރާހީމްދީދީ ވިދާޅުވިއެވެ.
ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު ވިދާޅުވި ގޮތުގައި، މިހާރު ގެންނަން ހުށަހަޅާފައިވާ ބަދަލުތަކަކީ ޓެކްސް ނިޒާމުގައި ހުރި ފޫނުބެދޭ މައްސަލަތަކަށް އޮތް ދާއިމީ ހައްލެކެވެ. ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ، ޓެކުހަށް މަކަރު ހަދަން ފުރުސަތު އޮތުމަކީ ދައުލަތަށް ލިބޭ ބޮޑު ނިކަމެތިކަމެއް ކަމަށާއި، އެކަން އިޞްލާޙު ކުރުމަކީ މިވަގުތަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.
ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ މި ބިލަށް ފާޑުވިދާޅުވެފައެވެ. އެ މެންބަރުން ވިދާޅުވީ މި އިޞްލާޙުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރާނެ އެއްވެސް މަންފާއެއް ނެތް ކަމަށާއި، އެހެންކަމުން މި ބަދަލުތައް ގެނައުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ބިލުގައިވާ ގޮތުން، ޖީއެސްޓީ ނުދައްކާ ރެކުމުގެ ނިޔަތުގައި ހިންގާ މުއާމަލާތްތަކަކީ ޓެކުހުގެ ބޭނުމަށް ސައްހަ މުއާމަލާތްތަކެއް ނޫން ކަމަށް ކަނޑައެޅުމުގެ ބާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވެއެވެ. މީގެ އިތުރުން، ޓެކްސް ދައްކަންޖެހޭ މިންވަރު މަދުކުރުމާއި، ދައްކަންޖެހޭ ތާރީޚު ލަސްކުރުން ފަދަ ކަންކަމަކީ “ޓެކްސް މަންފާ” ހޯދުމުގެ ގޮތުގައި ބަލާނެ ހާލަތްތައް ކަމަށް ބިލުގައި ތަފްސީލުކޮށްދީފައިވެއެވެ.

