
ގައިދީންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ޕޯސްޓެއް ހުޅުވައިފިއެވެ.
ކަރެކްޝަންސްއިން ބުނީ މިއީ ގައިދީންނާއި ބަންދުމީހުންނަށް ފޯރުކޮށްދެމުންދާ ސިއްޚީ ފަރުވާ ތަރައްޤީކުރުމުގެ ގޮތުން، އިދާރީ މަސައްކަތްކުރުމަށް ހުޅުވި ޕޯސްޓެއް ކަމަށެވެ.
“ކަރެކްޝަނަލް ހެލްތްކެއަރ ސަޕޯރޓް”ގެ ނަމުގައި އެ ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލުގެ މެނޭޖްމަންޓާއި ކަރެކްޝަންސްގެ ސީނިއަރ މެނޭޖްމަންޓް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި “ކަރެކްޝަނަލް ހެލްތްކެއަރ ސަޕޯރޓް” ޕޯސްޓް ހުޅުވުމަށް ފަހު، މަސައްކަތްތަކާ ބެހޭ ގޮތުން ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.
ކަރެކްޝަންސްއިން ކުރިން ބުނެފައިވާ ގޮތުން ގާތްގަނޑަކަށް 200އެއްހާ ގައިދީންނާއި ބަންދު މީހުން އާންމު ބަލިތަކަށް ޖަލުތަކުގައި ތިބި ޑޮކްޓަރުންނަށް ދައްކައެވެ. އަދި ޚާއްސަ ބަލިތަކަށް ފަރުވާ ދިނުމަށް ގެންދަން ޖަލުން ބޭރަށް ހޮސްޕިޓަލުތަކަށެވެ.

