
ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ހަތަރު ރަށެއްގައި އައު މިސްކިތްތަކެއް ބިނާކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށްޓަކައި، ދައުލަތުގެ މާލީ ވުޒާރާއިން އެ މަޝްރޫއުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިއަދު އަނެއްކާ ވެސް ހުޅުވާލައިފިއެވެ.
މި ފަހަރު ބީލަމަށް ލާފައި ވަނީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ އާއި މަޑަވެލީގެ އިތުރުން، ކޮޅުމަޑުލު އޮމަދޫ އަދި ހައްދުންމަތީ ކަލައިދޫގައި އިމާރާތްކުރާ މިސްކިތްތަކުގެ މަސައްކަތެވެ. މި މަޝްރޫއުތަކަށް ކުރިމަތިލެވޭނީ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން، ކަމާ ބެހޭ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ އަދި ބޭރުގެ އިންވެސްޓްމަންޓް އުސޫލުތަކަށް ފެތޭ ކުންފުނިތަކަށެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ތެރެއިން ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުން ކުރިއަށްގެންދާ މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ކޮންމެ މަޝްރޫއަކަށް 500 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. މާލީ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި، މި މަހުގެ 7ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00އިން މެންދުރުފަހު 2:00އާ ދެމެދު ބަނޑޭރި ޕޭ މެދުވެރިކޮށް މި ފައިސާ ދެއްކޭނެއެވެ. އަދި ބީލަންވެރިންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި މާކްސް ދޭނެ މިންގަނޑުތައް ރަސްމީ ލިޔެކިޔުންތަކުގައި ވަނީ ހިމަނާފައެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ރޫހު އާލާކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މިސްކިތްތަކާއި، އިސްލާމީ މަރުކަޒުތަކާއި، ޤުރުއާނާ ބެހޭ މަރުކަޒުތަކުގެ އިތުރުން ވަޤުފު އިމާރާތްތައް އެޅުމުގެ 70 އަށްވުރެ ގިނަ މަޝްރޫއު މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

