
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލާ ރިއަލް ސްޓޭޓް ޤާނޫނަކީ ހަމައެކަނި “ރަސްމާލެ” މަޝްރޫޢަށް އަމާޒުކޮށްގެން ވުޖޫދުކުރާ ޤާނޫނެއް ނޫންކަމަށާއި އެއީ މުޅި ދާއިރާ ހަރުދަނާކުރުމަށްޓަކައި ގެންނަ މުހިންމު ބަދަލެއްކަމަށް ބަންޑާރަނާއިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
“އަހާ” ފޯރަމްގައި ވާހަކަފުޅުދައްކަވަމުން، މި ދާއިރާ ރެގިއުލޭޓްކުރާނެ ހަރުދަނާ އޮނިގަނޑެއް މިހާތަނަށް ނެތުމުގެ ސަބަބުން، އަލަށް ފަރުމާކުރެވޭ ޤާނޫނުގެ ތެރެއިން ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށް ވެސް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ފުޅާ ދާއިރާއެއްގައި މަގުފަހިވެގެންދާނެކަން އުޝާމް ފާހަގަކުރެއްވިއެވެ. އަދި މިއީ މިވަގުތުގެ ހާލަތަށް ބަލާއިރު ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންތެރިވެފައިވާ މުހިންމު ޤާނޫނެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ރަސްމާލެއާ ގުޅޭގޮތުން އާންމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކަށް އަލިއަޅުއްވާލައްވަމުން ބަންޑާރަނާއިބު ވަނީ، އެ ޕްރޮޖެކްޓާ ގުޅިގެން މިހާތަނަށް ސޮއިކުރެވިފައި ވަނީ ހަމައެކަނި ކޮމާޝަލް ޓާމްސްތަކެއްގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއްގައިކަން ސާފުކޮށްދެއްވާފައެވެ. އަދި އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ސޮއިކުރުމުގެ ކުރިން، ބަންޑާރަނާއިބުގެ އޮފީހުގެ ޤާނޫނީ ލަފާ ފުރިހަމައަށް ހޯދާފައިވާކަން ވެސް ކަށަވަރުކޮށްދެއްވިއެވެ.
ރަސްމާލެ މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕްމަންޓް ޕްލޭންގައި ސޮއިކުރާނީ، އެކަމަށް މަގުފަހިކޮށްދޭ ޤާނޫނުތައް ފާސްކޮށް އަމަލުކުރަން ފެށުމުންކަން ހާމަކުރައްވަމުން އުޝާމް ވަނީ މުހިންމު ޔަޤީންކަމެއް ދެއްވާފައެވެ. އެގޮތުން ރަސްމާލެއެކޭ އެއްފަދައިން މި ސަރުކާރުން ކުރިއަށްގެންދާ އެއްވެސް މަޝްރޫޢެއްގައި ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސް އަމަލެއް ނުހިންގާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް އެރުވިއެވެ.

