
ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަންއުޅުނު ތިންކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ތިން މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އެ މީހުންގެ ތެރެއިން ދެ މީހުން ހައްޔަރުކޮށްފައި ވަނީ، މި މަހު 22ވަނަ ދުވަހު އިންޑިއާއިން ރާއްޖެއައި އިންޑިއާ ދެ މީހުންގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ. އަދި އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންއާއި، ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ)އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ އިބްރާހީމް 15 ދުވަހަށް އަދި އަނެއް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

