
އައްޑޫ ސިޓީގެ ލިންކް ރޯޑް އަލުން ހަދަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލިންކް ރޯޑް އަލުން ތަރައްގީކޮށް 4ލޭނަށް ފުޅާކުރުމުގެ މަޝްރޫއު، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދިއުމަށް ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ހަވާލުކޮށް ވަނީ އެއްބަސްވުމުގައި ސޮއިވެސްކޮށްފައެވެ.
އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެވެ. އަދި ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގްއެވެ.
އެ އެއްބަސްވުމުގެ ދަށުން ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށް ލިންކް ރޯޑް 4ލޭނަށް ފުޅާކުރުމާއެކު، ޖުމްލަ 12.3ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރާނެއެވެ.
ލިންކު ރޯޑް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރި އިރު މިދިޔަ އަހަރު އޭޕްރީލް މަހު އެ މަޝްރޫއު 829,792,313.63ރުފިޔާއަށް އާރުޑީސީއާ ވެސް ހަވާލުކުރިއެވެ. އޭރު އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 1،440ދުވަހުން ނިންމާ ގޮތަށެވެ. ނަމަވެސް ފަހުން އެ މަޝްރޫއު ކުރިއަކަށް ނުދެއެވެ. އަދި މިއަދު ޗައިނާ ކުންފުންޏާ އެެ މަޝްރޫއު ހަވާލުކުރުމުން ދެން އެ މަޝްރޫއު ކުރިއަށް ގެންދާނީ ޗައިނާ ކުންފުނިންނެވެ.
އާރުޑީސީގެ ބަދަލުގައި ޗައިނާ ކުންފުނިންޏާ އެ މަޝްރޫއު ހަވާލުކުރި އިރު ސަރުކާރުން މިހާރު ވަނީ އާރުޑީސީ އުވާލަން ވެސް ނިންމައިފައެވެ.

