
ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެމެދު ސިޔާސީ އަދި ރަސްމީ މަޝްވަރާތައް ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުން ދެ ޤައުމުގެ ދެމެދުގައި މުހިންމު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81ވަނަ ބައްދަލުވުމުގެ ހަވާސާގައި، ދިވެހި ސަރުކާރުގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އަދި ވިއެޓްނާމް ސަރުކާރު ތަމްސީލުކުރައްވައި ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓަރު ލެ ހައޮއި ޓްރަންގްއެވެ. ދެ ޤައުމުގެ ޚާރިޖީ ވުޒާރާގެ މެދުގައި ވެވުނު މި އެއްބަސްވުމުގެ އެންމެ ބޮޑު ބޭނުމަކީ، ދެ ޤައުމުގެ މެދުގައި އޮންނަ ޒަމާންވީ ގުޅުން އާ ހަރުފަތަކަށް ގެންގޮސް، ގުޅިގެން މަސައްކަތްކުރުން އިތުރުކުރުމެވެ.
މި ފަހުމުނާމާގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައި ގަވާއިދުން މަޝްވަރާކުރެވޭނެ ހަރުދަނާ ނިޒާމެއް ވުޖޫދުވެގެންދާނެއެވެ. އެގޮތުން، ބައިނަލްއަޤްވާމީ މައިދާނުގައާއި ސަރަޙައްދީ ފެންވަރުގައި ދެ ޤައުމަށް ވެސް ފައިދާހުރި، އަދި މަސްލަހަތު ހިމެނޭ މުހިންމު ކަންކަމުގައި ޚިޔާލު ބަދަލުކޮށް ގުޅިގެން ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު މި އޮނިގަނޑުގެ ތެރެއިން ފަހިވެގެންދާނެއެވެ.
ސޮއިކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ، މިއީ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ މުޢާމަލާތްތައް އިތުރުވެ، ގުޅުން ވަރުގަދަވެގެންދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އެކަމަނާ ވަނީ ދެ ޤައުމުގެ ތަރައްޤީއަށްޓަކައި އެކުގައި މަސައްކަތްކުރެވިދާނެ އައު ދާއިރާތައް ދެނެގަނެ، ދެފަރާތަށް ވެސް މަންފާކުރަނިވި ނަތީޖާތަކެއް ނެރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ވިއެޓްނާމް ސަރުކާރަށް އަރުވާފައެވެ.

