
ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
އެމެރިކާގެ ނިއުޔޯކްގައި މިހާރު ހިނގަމުންދާ އދ. ގެ އާންމު މަޖިލީހުގެ 81ވަނަ ސެޝަންގެ ހަވާސާގައި، މި ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުއްވާލައްވާފައި ވަނީ ބައިނަލްއަގުވާމީ މައިދާންތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށާއި، ދެފަރާތަށް މަންފާކުރަނިވި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި، އދ. ފަދަ ޕްލެޓްފޯމްތަކުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއާ އެކު އޮންނަ އެކުވެރިކަން އާ ހަރުފަތަކަށް ގެންދިއުމަށް އެ ގައުމުގެ ސަރުކާރުން ފުރިހަމައަށް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވިއެވެ.
ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ މި ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ތާރީޚީ އަޚުވަންތަ ގުޅުމަށް އިޝާރާތްކުރައްވަމުން، ނައިބު ރައީސް ވަނީ މުސްތަގުބަލުގައި ދެ ގައުމުގެ ރައްޔިތުންގެ މެދުގައިވާ ގުޅުންތައް މިހާރަށްވުރެ ބޮޑަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، އދ. ގެ އާންމު މަޖިލީހުގެ 81ވަނަ ސެޝަންގެ ރިޔާސަތާ ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން ހަވާލުވެވަޑައިގަތުމާ ގުޅިގެން ނައިބު ރައީސް ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދިވެހި ދައުލަތާއި އާންމު ރައްޔިތުންގެ ފަރާތުން ބަންގްލަދޭޝްގެ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ހެޔޮއެދުންތައް ފޮނުއްވާފައެވެ.

