
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ގުޅޭ ކަންކަން އިތުރަށް ހަރުދަނާކުރަން “އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ”ގައި ރާއްޖެއިން ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ނިންމުން ނިންމީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ގީލާ އަލީ ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. އަދި އެކަމަށްޓަކައި ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
“އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ”އަކީ 2010ވަނަ އަހަރުގެ އޭޕްރީލް މަހުގެ 25ގައި ރާއްޖެއިން ތަސްދީގުކޮށްފައިވާ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް މުޢާހަދާއިން ހާއްސަ އެއެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކޮށްދޭ ހައްގުތަކާ ގުޅޭ ކަންކަން، އިތުރަށް ހަރުދަނާކޮށް، އެ މުއާހަދާ ފުރިހަމައަށް ތަންފީޒުކުރުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި މެންބަރު ގައުމުތައް ޒިންމާދާރުކުރެވޭނެ ނިޒާމެއް އެކަށައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ޕްރޮޓޮކޯލެކެވެ.
އެ ޕްރޮޓޮކޯލަކީ އެ މުއާހަދާ ތަސްދީގުކޮށްފައިވާ ގައުމުތަކުން އެބައެއްގެ އަމިއްލަ އިޙުތިޔާރުގައި ބައިވެރިވާ ޕްރޮޓޮކޯލެކެވެ. ރާއްޖެއިން 2010ގައި އެ މުއާހަދާ ތަސްދީގުކުރި ނަމަވެސް މިހާތަނަށް ވެސް އެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވެފައެއް ނުވެއެވެ. އަދި އިންސާނީ ހައްގުތަކާ ގުޅޭ ގުޅޭ ބައިނަލްއަގުވާމީ އެކި ނިޒާމުތަކުގެ ދަށުން ރާއްޖެ ރިވިއު ކުރުމުގެ ތެރޭގައި، އެ އޮޕްޝަނަލް ޕްރޮޓޮކޯލް ވީ އެންމެ އަވަހަކަށް ތަސްދީގުކުރުމަށް މީގެ ކުރިން އެދިފައިވާކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

