
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ފޮރިން ކަރަންސީގެ މައްސަލައެވެ. ނުވަތަ ޑޮލަރު ހުރިނަމަވެސް ސިސްޓަމުން ނަގައިގެން ބޭނުން ކުރަން ނުލިބުމެވެ. އެހެންވެ ރަސްމާލެއަށް ޔޫއޭއީގެ “އީގަލް ހިލްސް” އިން ހިންގާ ބިޔަ މަޝްރޫއުގެ މައިގަނޑު ފޯކަސްއަކީ މި މައްސައިގެ ހައްލު ހޯދުމެވެ.
ރާއްޖެމިއަދު ޕްރޮގްރާމުގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީޒު ވިދާޅުވި ގޮތުގައި ލީސް ރައިޓްސް ގަންނަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އެ ކުންފުނިން މިހާރު ވެސް އޮންނާނެއެވެ. އެ ގޮތަށް ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ ފުރަތަމަ ވެސް ޖަމާކުރާނީ ރާއްޖޭގެ ބޭންކެއްގައި ސަރުކާރާ އެކު ގާއިމްކުރާ އެސްކްރޯ އެކައުންޓަކަށެވެ. އަދި މި ޕްރޮޖެކްޓުން އަންނަ ހުރިހާ ރެވެނިއުއެއް ވެސް ލީސް ރައިޓް ވިއްކާ ހިސާބުގައި އެސްކްރޯއެކައުންޓަކަށް ޖަމާވެ، ރާއްޖޭގެ ބޭންކެއްގައި ރާއްޖޭގެ ސަރުކާރާ އެކީގައި ސަރުކާރުން އެގްރީވާ ބޭންކެއްގައި ބަހައްޓާނެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދުގެ މިހާރު ފަސް ބިލިއަން ޑޮލަރު ވަތްނަމަވެސް މީގެ ބޮޑުބައި ދަނީ ބޭރުވަމުންނެވެ. ނަމަވެސް މި މަޝްރޫއު އަންނަ ހިސާބުން އެކަމަށް ބަދަލެއް އަންނާނެކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
“މި ޕްރޮޖެކްޓްގައި އަޅުގަނޑުމެން ވަރަށް ބޮޑަށް، އެކަން އެހެން ނުވާނެ ގޮތަށް ކަންކަން ރާވާފައި ހުންނާނީ. އެކަން އެންޝުއާ ކޮށްފައި ހުންނާނީ،” ޒަރީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފުރަތަމަ އަހަރު ރާއްޖެއަަށް 30 ބިލިއަން ޑޮލަރު ވަންނާނެއެވެ. އަދި އޭގެ ފަހުން އަހަރަކު ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރު ވަންނާނެއެވެ. މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި މ އަދަދަށް އަދަދަށް އާމްދަނީ ލިބޭނީ އީގަލް ހިލްސް އިން ރަސްމާލޭގައި ތަރައްގީކުރާ ތަންތަނުގެ “ލީސްރައިޓްސް” ވިއްކައިގެންނެވެ. އޭގެފަހުން އާމްދަނީ ލިބޭނީ އެތަން ހިއްކައިގެންނެވެ.

