
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ގއ. ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލިންކިން ޕާރކް / ގއ. ކަނޑުހުޅުދޫ، މުޙައްމަދު މަޤުޞަދު (45އ)އާއި ފުނަމާގެ / ގއ. ކަނޑުހުޅުދޫ، ޢަބްދުއްރައްޒާޤު ޙަސަން (50އ) ކަމަށެވެ. މި ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މި ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން. މަސްތުވާތަކެތި ކަމަށް ބެެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު މަޤުޞަދު ފަސް ދުވަހަށް އަދި ޢަބްދުއްރައްޒާޤު ޙަސަން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

