
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް، ޕާޓީގެ މެންބަރުންގެ އިތުރުން ޝައުގުވެރިކަން ހުރި ހުރިހާ އާންމު ރައްޔިތުންނަށް ވެސް ވަދެވޭނެހެން ހުޅުވާލައިގެން ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
މިކަން އިއުލާނުކޮށްފައި ވަނީ ކޮންގްރެސްގެ އެންމެފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެމްޑީޕީގެ ނައިބު ޗެއަރޕަރސަން އިބްރާހީމް ވަހީދު ވިދާޅުވީ، ސިޓީ ހޯލު ސަރަހައްދުގައި ޓެންޓު ޖަހައިގެން ތިން ދުވަހުގެ މުއްދަތަކަށް މި ހަރަކާތް ކުރިއަށްދާނެ ކަމަށެވެ. އަދި އަނެއް ނައިބު ޗެއަރޕަރސަން މުހައްމަދު ޝިފާޒު ފާހަގަކުރެއްވި ގޮތުގައި، ކޮންގްރެސްމަނުންގެ ގޮތުގައި ބައިވެރިވުމުގެ ހައްގު ލިބިފައިވާ 986 މެންބަރުން ޕާޓީގައި އެބަތިއްބެވިއެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު، ގިނަ ބަޔަކު ނަން ނޯޓުކުރަމުންދާ ކަމަށާއި، މި މަރުހަލާ ނިމޭއިރު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކުން ވެސް ރަޖިސްޓްރީ ފުރިހަމަކުރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންގްރެސްގެ ތާވަލަށް ބަލާއިރު، އޮކްޓޯބަރު 1 ވާ ބުރާސްފަތި ދުވަހު ރަސްމީކޮށް ފެށުމަށް ފަހު، ހުކުރު ދުވަހުގެ މެންދުރުފަހު މުހިންމު ސެޝަންތަކެއް ކުރިއަށްދާނެއެވެ. ހޮނިހިރު ދުވަހު އޮންނަ ބައްދަލުވުންތަކުގައި ޕާޓީގެ އަސާސީ ޤަވާއިދަށް ހުށަހެޅިފައިވާ އިސްލާހުތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ގޮތްތަކެއް ކަނޑައަޅާނެއެވެ. ޝިފާޒު ވިދާޅުވީ، މިއީ ބަންދުކޮށްގެން ބާއްވާ ކޮންގްރެސްއަކަށް ނުވާތީ، ޕާޓީގެ އާންމު މެންބަރުންނާއި އެހެނިހެން ފަރާތްތަކަށް ވެސް ކޮންގްރެސްގެ ކަންކަން ހިނގަމުންދާގޮތް ގާތުން ބަލައިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މިއީ މެންބަރުން ފަޚުރުވެރިވާނެ ފަދަ ފުރިހަމަ ކޮންގްރެސްއަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
މިފަހަރުގެ ކޮންގްރެސްގެ ތެރެއިން ފެނިގެންދާނެ އެންމެ މުހިންމު އެއް ކަމަކީ، ފާއިތުވި ޖޫން މަހުގެ 12ވަނަ ދުވަހު ޕާޓީގެ ޗެއަރޕަރސަންގެ މަގާމަށް އިންތިޚާބުކުރެވުނު ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެ މަޤާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމެވެ. މީގެ އިތުރުން، އަސާސީ ޤަވާއިދަށް ގެނެވޭ ބަދަލުތަކާ އެކު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ތަމްސީލުކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއާ ގުޅޭ މުހިންމު ނިންމުންތަކެއް ވެސް މި ކޮންގްރެސްގެ ތެރެއިން ނިންމާނެކަމަށް ވަނީ ބެލެވިފައެވެ.

