
ބައިނަލްއަޤުވާމީ ބާޒާރުގައި މަހަށް އޮންނަ ޑިމާންޑާއި ސަޕްލައިއަށް އައިސްފައިވާ ހެޔޮ ބަދަލުތަކަށް ރިއާޔަތްކޮށް، ސަރުކާރުގެ މައި މަސް ކުންފުނި (މިފްކޯ)އިން ދިވެހި މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަމުންދާ ރޭޓު ކިލޯއަކަށް 22 ރުފިޔާއަށް މިއަދު ބޮޑުކޮށްފިއެވެ.
މިއީ ދުނިޔޭގެ މާކެޓުގެ އަގުތަކާ އެއްގޮތަށް މަސް ގަންނަ އަގު ކަނޑައެޅުމަށް ސަރުކާރުން ދާދިފަހުން ތަޢާރަފުކުރި ހަރުދަނާ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެކެވެ. މި އުސޫލަށް އަމަލުކުރަން ފެށުމަށް ފަހު، ފާއިތުވި މަސްތަކުގައި މިފްކޯގެ އަގުތަކަށް ވަނީ އެދެވޭ ކުރިއެރުންތަކެއް އައިސްފައެވެ. އެގޮތުން، ހިނގަމުންމިދާ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކިލޯއެއް 20 ރުފިޔާއަށް ހުރިއިރު، އޮގަސްޓު މަހު އެ އަދަދު ވަނީ 21 ރުފިޔާއަށް އުފުލިފައެވެ. މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށަށް ނުދާނެހެން ހިފެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާފައެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ފައިސާ ދިނުން އޮތީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. އޭގެ މައިގަނޑު ސަބަބަކީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް ކުރީގެ ސަރުކާރުން އެއްވެސް ދިރާސާއެއް ނެތި ކުއްލި ގޮތަކަށް މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރުމެވެ. ނަމަވެސް، މި ވެރިކަމުގައި ވަނީ އެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައި، ނުދެވި ހުރި 250 މިލިއަން ރުފިޔާގެ ބޮޑު ދަރަނި އެއްކޮށް ޚަލާޞްކޮށްފައެވެ.

