
ދެހާސް ސޯޅަ އަދި ދެހާސް ސަތާރަ ވަނަ އަހަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް އަގުބޮޑުކޮށް ތަކެތި ގަތް މައްސަލައިގައި އެ ދުވަސްވަރު އެ ކުންފުނީގެ ސީއީއޯގެ މަގާމު ފުރުއްވި މުހައްމަދު ޖުނައިދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.
އެ މައްސަލަ ބެލި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނީ ޖުނައިދުގެ މައްޗަށް ދައުވާކުރަން ހުށަހެޅީ ގަވައިދާ ހިލާފަށް 18އެއަކޮންޑިޝަން ޔުނިޓް (އޭސީ)އެމްޕީއެލްއަށް ގަތް މައްސަލައިގައި ކަމަށެވެ.
އެގޮތުން އެ އޭސީ ޔުނިޓްތައް ގަތީ އޭރު އެ ކުންފުނިން ޢަމަލުކުރަމުންގެންދިޔަ، ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ގަވައިދާ ހިލާފަށް އާންމުކޮށް އިޢުލާންކުރުމެއްނެތި އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައި، އެ މަސައްކަތުގެ ތަޖުރިބާ ލިބިފައިނުވާ ބައެއްގެ އަތުން ކަމަށް އޭސީސީން ބުންޏެވެ.
އަދި އެ ތަކެތި ގަތީ މާކެޓް ރޭޓަށް ވުރެ ބޮޑުކޮށް 1.08މިލިއަން ރުފިޔާއަށް ކަމަށާއި އެ މައްސަލައިގައި ދައުވާކުރަން ފޮނުވި ފަރާތްތަކާ އެ ތަކެތި ވިއްކި ފަރާތާ ގުޅުން އޮތް ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެހެންވެ އެ މައްސަލައިގައި އެމްޕީއެލްގެ އޭރުގެ ސީއީއޯ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް މި މަހުގެ 16ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ޖުނައިދުގެ އިތުރުން އެ މައްސަލައިގައި އޭރު އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ހެޑް އަބްދުލް ވައްހާބުގެ މައްޗަށް ވެސް ދައުވާކުރަން ފޮނުވި ކަމަށް އޭސީސީން ބުންޏެވެ.
އެ ދެ މީހުންގެ މައްޗަށް ކޮށްދޭން އެދި ހުށަހެޅީ ދެ ދައުވާއެކެވެ. އެއީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ

