
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޑިޖިޓަލް ހަރަކާތްތައް ފުޅާކުރުމުގެ ބޭނުމުގައި، އައު ވެބްސައިޓް ރޭ ބޭއްވި ޕާޓީގެ މަޖިލީހުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ތަޢާރަފުކޮށްދެއްވައިފިއެވެ.
ޕީއެންސީން މަޢުލޫމާތު ދޭގޮތުގައި، އަލަށް ގެނެވުނު ވެބްސައިޓަކީ އެންމެ ޒަމާނީ ފީޗާތައް ހިމެނޭހެން ތަރައްޤީކޮށްފައިވާ މަންސައެކެވެ. މީގެ އިތުރުން، މިރޭ ނިންމާލި ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ އެތެރޭގެ އިންތިޚާބުތަކުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ވެސް މުޅިން އައު ޑިޖިޓަލް ނިޒާމެއްގެ ތެރެއިންކަން އެ ޕާޓީން ފާހަގަކުރެއެވެ.
ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއް މިފަދަ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބޭއްވުމަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެހެން ޕާޓީއަކަށް މިހާތަނަށް ކުރެވިފައިނުވާވަރުގެ ބޮޑު ކާމިޔާބީއެއްކަމަށް ޕީއެންސީން ސިފަކުރެއެވެ. ދިވެހިރާއްޖެއަކީ ޑިޖިޓަލް އިންގިލާބެއްގެ ތެރެއިން ކުރިއަރަމުން އަންނަ ގައުމަކަށް ހެދުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ މައިގަނޑު އެއް ވަޢުދުފުޅަށްވާއިރު، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ފަށައި، ތަންފީޒުކުރަމުންނެވެ.

