
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުން އެންމެ މަތީ ވަނަ ހާސިލުކުރާ ދަރިވަރުންނަށް، އެކުދިން ބޭނުންވާ ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ހިލޭ ތަޢުލީމު ހާސިލުކުރުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ދޫކުރާ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލު އެކުލަވާލައި އާންމުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އިއުލާންކުރެއްވި މި ފުރުޞަތުގެ ދަށުން، މުބާރާތުގައި ހިމެނޭ ތިން ގޮފީގެ ތެރެއިން ކޮންމެ ގޮތްޕަކުން އެއްވަނަ ހޯދި ނަމަވެސް މި ސްކޮލަރޝިޕް ލިބޭނެއެވެ. އެހެންނަމަވެސް، އެކި އަހަރުތަކުގެ މަތިން ނުވަތަ އެއްފަހަރާ ގިނަ ބައިތަކަކުން އެއްވަނަ ހޯދި ކަމުގައިވިޔަސް، ކޮންމެ ބައިވެރިއަކަށް ވެސް މި އިނާޔަތް ލިބިގެންދާނީ ހަމައެކަނި އެއް ފަހަރުއެވެ. މި ސްކީމުގެ ދަށުން ފުރަތަމަ ޑިގްރީން ފެށިގެން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ)އާ ހަމައަށް ފުލްޓައިމްކޮށް ކިޔެވޭނެއެވެ. ކުރިން މަތީ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތެއްނަމަ، ފުރުޞަތު ދެވޭނީ އެއަށްވުރެ މަތީ ލެވެލްއަކަށް ކިޔެވުމަށެވެ.
އާންމުކުރެވުނު އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ސްކޮލަރޝިޕްގެ އެހީގައި ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ވެސް މަތީ ތަޢުލީމު ހާސިލުކުރެވިދާނެއެވެ. ބޭރުން ކިޔަވާނަމަ ޝަރުތަކީ އެ ޤައުމަކީ ރާއްޖެއާ ޑިޕްލޮމެޓިކް ގުޅުން އޮންނަ، ދަރިވަރުންނަށް ރައްކާތެރި މާހައުލެއް އޮތް ތަނަކަށް ވުމާ އެކު، އެ ކިޔަވާ މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ބަލައިގަންނަ ތަނަކަށް ވުމެވެ. މީގެ އިތުރުން “ޓްވިނިންގ” ޕްރޮގްރާމްތައް މެދުވެރިކޮށް ގިނަ ޤައުމުތަކެއްގައި ކިޔެވުމުގެ މަގު ވެސް ވަނީ ފަހިކޮށްދީފައެވެ.
މާލީ އިނާޔަތްތަކަށް ބަލާއިރު، ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އާންމު ސްޓައިޕެންޑްގެ އިތުރުން މަހަކު 6,000 ރުފިޔާގެ ޚާއްޞަ އެލަވަންސެއް ދިނުމަށް ކަނޑައަޅާފައިވެއެވެ. ފައިސާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަ މަހަކުން އެއްފަހަރުއެވެ. ނަމަވެސް އެކޮމޮޑޭޝަން ފަދަ ކަންކަމަށް އެޑްވާންސްކޮށް ބޮޑު އަދަދެއް ދައްކަންޖެހޭ ޙާލަތްތަކުގައި އެކަން ހަމަޖެހޭނެ އިންތިޒާމު ވެސް އުސޫލުގައި ހިމަނާފައިވެއެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރާ ދުވަހު ސްކޮލަރޝިޕްގެ ލިޔުން ލިބޭއިރު، އޭގެ އެއްމަސް ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޕޯޓަލް މެދުވެރިކޮށް ކިޔަވަން ބޭނުންވާ ތަފްސީލުތައް ހުށަހަޅަންޖެހެއެވެ.
ތަޢުލީމީ މަރުޙަލާތަކުގެ މެދުގައި ގިނަވެގެން ނެގޭނީ ދެ އަހަރުގެ މުއްދަތެކެވެ. މަޤުބޫލު އުޒުރެއް މެދުވެރިވެގެން މުއްދަތު އިތުރުކުރަން ބޭނުންނަމަ އެކަމަށް އެދުމުގެ ފުރުޞަތު އޮތް ނަމަވެސް، އެ މުއްދަތު ފަހަނައަޅައި ދާނަމަ ސްކޮލަރޝިޕް ބާތިލުވާނެއެވެ. ކޯސް ފުރިހަމަކުރުމަށް ފަހު ޤައުމަށް ޚިދުމަތްކުރުމަށް ޚާއްޞަ ބޮންޑެއް ވަނީ ކަނޑައަޅާފައެވެ. ރާއްޖެއިން ބޭރުގައި 2 އަހަރާއި 4 އަހަރާ ދެމެދުގެ ކޯހެއް ފުރިހަމަކުރާ ފަރާތްތަކުން 5 އަހަރު ޚިދުމަތްކުރަން ޖެހޭއިރު، 4 އަހަރަށްވުރެ ދިގު ކޯސްތަކަށް 7 އަހަރު ދުވަހު ޚިދުމަތް ކުރަންޖެހެއެވެ. އަދި ރާއްޖޭގައި 18 މަހަށްވުރެ ދިގު ކޯހެއް ހަދައިފިނަމަ 4 އަހަރު ދުވަހު ޤައުމަށް ޚިދުމަތްކުރަން މަޖުބޫރުވާނެއެވެ. މި އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ސަރުކާރުން ކުރި ހުރިހާ ޚަރަދެއް އަނބުރާ ދައްކަންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

