
ސިއްޙީ ދާއިރާގެ މަސައްކަތްތެރިން ބާރުވެރިކުރުވައި ފަރުވާ ހޯދާ ފަރާތްތަކަށް އަމާން ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ދުނިޔޭގެ ޕޭޝަންޓް ސޭފްޓީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ދެއްވި ޚިތާބެއްގައި، އިތުބާރު ހުރި ހަރުދަނާ ސިއްޙީ ނިޒާމެއް ބިނާކުރުމުގެ އެންމެ މުހިންމު އެއް ތަނބަކީ ބަލިމީހުންގެ ރައްކާތެރިކަންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އާދަޔާޚިލާފަށް ގިނަވަމުންދާކަމަށް އަލިއަޅުއްވާލައްވަމުން، މި އަހަރުގެ ޝިޢާރު ކަމަށްވާ “ދާއިމީ ބޮޑެތި ބަލިތަކަށް ރައްކާތެރި ފަރުވާއެއް” މި މައުޟޫޢުގެ މުހިންމުކަން އެކަމަނާ ތަފްޞީލުކޮށްދެއްވިއެވެ.
As we mark the #WorldPatientSafetyDay, let us remember the significance of patient safety to building a resilient and trusted healthcare system. As non-communicable diseases account for a dominant share of our nation’s health burden, this year's theme "Safe care for… pic.twitter.com/8suomVMZZ8
— First Lady Sajidha Mohamed (@sajidhaamohamed) September 17, 2026
ދާއިމީ ބަލިތަކަށް ފަރުވާކުރުމަކީ މުޅި އުމުރަށް ދެމިގެންދާ ބުރަ އަދި އުނދަގޫ ދަތުރެއްކަން ބަޔާންކުރައްވަމުން، ފަސްޓް ލޭޑީ ވިދާޅުވީ ފަރުވާގެ ކޮންމެ މަރުޙަލާއެއްގައި ވެސް ފެންވަރު ރަނގަޅު އަދި ރައްކާތެރި ޚިދުމަތްތަކެއް ބަލިމީހާއަށް ލިބެންޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ބަލިތައް ކުރީބައިގައި ދެނެގަތުމާއި، މެދުކެނޑުމެއްނެތި ފަރުވާ ދެވޭނެ ދެމެހެއްޓެނިވި ނިޒާމެއްގެ މުހިންމުކަމުގެ މައްޗަށް ވެސް އެކަމަނާގެ މެސެޖުގައި އަލިއަޅުއްވާލެއްވިއެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރެއިން ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހޯދާފައިވާ ކާމިޔާބީތަކާ މެދު ފަޚުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވަމުން، ސާޖިދާ ވަނީ ޞިއްޙީ ޚިދުމަތްތެރިންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އާންމުންނަށް ގޮވާލައްވާފައެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 17ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ޕޭޝަންޓް ސޭފްޓީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހުގެ މައިގަނޑު މަޤްޞަދަކީ ފަރުވާ ދިނުމުގައި ދިމާވާ އިހުމާލުތައް މަދުކޮށް، ސިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކަށް އަމާން މާޙައުލެއް ކަށަވަރުކޮށްދިނުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

