
ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ އެންމެ ފަހުގެ ބައި ދައްކައި، އެ ދަރަނި އެއްކޮށް އަދާކޮށްފިއެވެ.
ބަޖެޓުގެ ދަތިކަން ޙައްލުކުރުމަށްޓަކައި 2019ވަނަ އަހަރު ތިން ފިޔަވައްޗަކަށް ބަހާލައިގެން ނަގާފައިވާ މި ލޯނު އަނބުރާ ދެއްކުން، 2020އިން ފެށިގެން 2023އާ ހަމައަށް އޭރު އޮތް ސަރުކާރުން އޮތީ ފަސްކޮށްފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޭ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވާ ގޮތަށް، މި ސަރުކާރުން ވަނީ މިއަހަރުގެ ޖަނަވަރީ މަހު ފުރަތަމަ 50 މިލިއަން ޑޮލަރު އަދި އޭގެ ފަހުން ދެވަނަ 50 މިލިއަން ޑޮލަރު ދައްކާފައެވެ. އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށްގެން ރޯލްއޯވަރ ކުރަމުން އައި މި ދަރަނީގެ ބާކީ އޮތް 50 މިލިއަން ޑޮލަރު، ކަނޑައެޅިފައިވާ ތާރީޚު ކަމަށްވާ ސެޕްޓެންބަރު 17ގައި ދައްކައި މިވަނީ މުޅިން ނިންމާފައެވެ.
މިފަދަ ބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ދެއްކި ނަމަވެސް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެއްޗާއި، ބޭސް އަދި ތެޔޮ ފަދަ ޒަރޫރީ ބާވަތްތައް ގެނައުމަށް ބޭނުންވާ ބޭރު ފައިސާގެ ދަތިކަމެއް ނެތްކަމުގެ ޔަޤީންކަން މާލީ ވުޒާރާއިން ވަނީ ދީފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރިކޯޑުތަކުން ސާބިތުވާ ގޮތުގައި ފާއިތުވި އޮގަސްޓު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި 644 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންކަމުން، ދަރަނި އަދާކުރުމުގެ ސަބަބުން އަސާސީ މުދާ އެތެރެކުރުމަށް ހުރަސްއެޅޭނެކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.
ދައުލަތުގެ މާލީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން، ސަރުކާރުން އަންނަނީ ދުރާލާ ރާވައިގެން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރަމުންނެވެ. އަދި ބޭރުގެ މާލީ އިދާރާތަކާ އެކު ކުރެވޭ މަޝްވަރާތަކުގެ އަލީގައި ރިޒާވް އިތުރަށް ރަނގަޅުވާނެކަމަށް ވެސް މާލީ ވުޒާރާއިން ލަފާކުރެއެވެ. ސަރުކާރުގެ އަމާޒަކީ ދަރަނި ދެއްކުމަށް އިތުރު ލޯނު ނުނެގުމެވެ. މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރުން މިހާތަނަށް 1.3 ބިލިއަން ޑޮލަރުގެ ދަރަނި ވަނީ އަދާކޮށްފައެވެ. މިއީ ކުރީގެ ދެ ސަރުކާރާ އަޅާބަލާއިރު ވެސް ބޮޑުތަނުން އިތުރު އަދަދެކެވެ. އެގޮތުން ދަރަނި ދެއްކުމަށްޓަކައި ދައުލަތުގެ ރިޒާވްގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އިންސައްތައެއް ބޭނުންކުރަމުންދާކަން ވެސް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

