
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ރ. އިނގުރައިދޫގައި ފެންބޮޑުވެ އެރަށުގެ 30 ގެއަކަށް ފެންވަދެ 15 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ހާމަކުރައްވައިފިއެވެ.
އިނގުރައިދޫ ކައުންސިލާ ހަވާލާދީ އެންޑީއެމްއޭއިން މައުލޫމާތު ދެއްވާ ގޮތުގައި، އިއްޔެ އެރަށަށް ކުރި ގަދަ ވިއްސާރައާ އެކު ރަށުތެރޭގައި ވަރަށް ބޮޑަށް ވަނީ ފެންހެދިފައެވެ. މިކަމާ ގުޅިގެން ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން ފެން ހިއްކުމުގެ އިތުރުން ވެލިބަސްތާ ޖަހައިގެން ގޭގެއަށް ފެންވަނުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ޚިދުމަތް ދިނުމަށް ވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެފައިވާ ކަމުގެ ރިޕޯޓްތައް މި އޮތޯރިޓީއަށް ދަނީ ލިބެމުންނެވެ. އެގޮތުން އިއްޔެ ރ. އިނގުރައިދޫއަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ގާތްގަނޑަކަށް 30 ގެއަކަށް ފެންވަދެ، އޭގެ… pic.twitter.com/2Sc6GESr5W
— NDMA Maldives (@NDMAmv) September 17, 2026
އުތުރުގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައިގައި އިނގުރައިދޫގެ އިތުރުން ރ. ރަސްމާދޫ އަދި ޅ. ނައިފަރުގެ ބޮޑު ސަރަހައްދެއްގައި ވެސް ފެންބޮޑުވެފައިވާކަމުގެ ރިޕޯޓުތައް ލިބިފައިވާކަމަށް ކާރިސާތަކާބެހޭ ގައުމީ އިދާރާއިން ކަށަވަރުކޮށްދެއެވެ. މިއީ މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ދިމާވަމުންދާ ހާދިސާތަކެކެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި މޫސުން ސާފުވާން ފަށާނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފްތާގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވެސް ވަނީ މޫސުން ގޯސްވެ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން ދެކުނުގެ ތިން އަތޮޅަކުން 120 ގެއަކަށް ފެންވަދެފައިވާއިރު، މީގެ ތެރޭގައި އައްޑޫ ސިޓީގެ 118 ގެއަކާއި، ފުވައްމުލަކު ސިޓީގެ ގެއެއްގެ އިތުރުން ގދ. ތިނަދޫގެ ގެއެއް ވެސް ހިމެނެއެވެ.

