
ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ބޭނުންކުރެވޭ ގޮތަށް ޔުނިކޯޑް ސްޓޭންޑަޑްގައި ރުފިޔާގެ ނިޝާން ހިމަނައިފިއެވެ.
ދިވެހި ފައިސާގެ ނިޝާންއަކީ “ރ”އަކުރުގައި އިތުރު ރޮނގުބުރިއެއް ހިމެނޭ ގޮތަށް ކަނޑައެޅީ 2022ވަނަ އަހަރުއެވެ. އެ ނިޝާންއަކީ ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދިވެހި ނިޝާން ފަރުމާ ކުރުމަށް ހުޅުވާލުމުން ހުށަހެޅި ފަރުމާތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބިގެން ހޮވުނު ނިޝާންއެެވެ.
ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގެ ފައިސާގެ ނިޝާންތައް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ފަސޭހައިން ބޭނުންކުރި ނަމަވެސް ދިވެހި ފައިސާގެ ނިޝާން މިހާތަނަށް ވެސް އޮތީ ފަސޭހައިން ބޭނުންކުރެވޭ ގޮތަކަށް ނޫނެވެ.
ނަމަވެސް އެމްއެމްއޭއިން މިއަދު ބުނީ ދުނިޔޭގައި ޓެކްނޮލޮޖިކަލް ޑިވައިސްތަކުގެ ބޭނުންކުރާ ޔުނިކޯޑް ސްޓޭންޑަޑްއިން މިއަދު ނެރުުނު އާ ވާޝަންގައި މިހާރު ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާ ކަމަށެވެ.
އެއާއެކު ވެބްސައިޓުތަކާއި މޮބައިލް އެޕްލިކޭޝަންތައް އަދި އެކިއެކި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ދެން ބޭނުންކުރެވޭނެ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
ދިވެހި ރުފިޔާގެ ނިޝާންއަށް ދީފައިވާ ކޯޑް ޕޮއިންޓްއަކީ U+20C2އެވެ.
އެމްއެމްއޭއިން ބުނީ ދިވެހި ރުފިޔާގެ ނިޝާން ފަސޭހަކަމާއެކު ޑިޖިޓަލް ވަސީލަތްތަކުގައި ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

