
ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ހުއްދަނެތި މަސްވެރިކަން ކުރަމުންދިޔަ ބޭރު ޤައުމެއްގެ އުޅަނދެއް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ކ. ދިއްފުށީގެ ބޭރުން ހިފަހައްޓައިފިއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، މި އުޅަނދު އަތުލައިގަނެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި ސިފައިން ކުރިއަށްގެންދިޔަ ޕެޓްރޯލް ދަތުރެއްގެ ތެރެއިންނެވެ. މިގޮތުން، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މި ބޯޓު ގެނެސްފައިވަނީ ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ދުރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.
ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި.https://t.co/7rjOSECThd pic.twitter.com/qOenQy6YL4
— Maldives National Defence Force (@MNDF_Official) September 16, 2026
ހަ ފަޅުވެރިންނާ އެކު އަތުލައިގަތް މި ބޯޓާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި، ކޯސްޓްގާޑުގެ ބެލުމުގެ ދަށުން އެ އުޅަނދު މިހާރު މާލެއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

