
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސުންގެ މަޤާމަށް ތިން ވަޒީރަކާއި، ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންގެ އިތުރުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހިމެނިވަޑައިގަންނަވާ ގޮތަށް ޖުމްލަ ހަ ބޭފުޅަކު މިއަދު އިންތިޚާބުކޮށްފިއެވެ.
ޖުމްލަ އަށް ބޭފުޅަކު ވާދަކުރެއްވި މި އެތެރޭގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކުރި ހޯއްދެވީ 968 ވޯޓާ އެކު ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް (964 ވޯޓު) ހޯއްދެވިއިރު، ތިންވަނައިގައި އުޅުއްވަނީ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ (923 ވޯޓު)އެވެ. މީގެ އިތުރުން ދެން އިންތިޚާބު ކާމިޔާބުކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު (862 ވޯޓު)އާއި، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު (833 ވޯޓު)ގެ އިތުރުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (780 ވޯޓު)އެވެ.
މި އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުޙައްމަދު ނިމާލް އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދަށެވެ. އެގޮތުން ނިމާލަށް 301 ވޯޓު ލިބިވަޑައިގެންނެވިއިރު، އަސްމާއަށް ލިބިވަޑައިގަތީ 288 ވޯޓެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުން މަޤާމުގެ އިޤްރާރުގައި ސޮއިކުރެއްވުން އޮންނާނީ، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ރަސްމިއްޔާތެއްގައި މިރެއެވެ. މީގެ އިތުރުން، އިންތިޚާބުގެ ނަތީޖާއާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ މިއަދުގެ މެންދުރުފަހު 14:00ގެ ކުރިން އިންތިޚާބީ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުޙީއަށް ލިޔުމުން އެކަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މިއަދު ހަވީރު 16:00ގެ ފަހުން އެފަދަ ޝަކުވާތަކަށް ޖަވާބުދާރީވާނެ ކަމަށް ވެސް އެ ޕާޓީން މަޢުލޫމާތުދެއެވެ.
ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، މި ކޮންގްރެސް ނިމިގެންދާއިރު ވެސް ޕާޓީގެ އެތެރޭގެ ބަދަހިކަމާއި އެކުވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ ޕާޓީގެ ހައިސިއްޔަތުން، ޒިންމާދާރުކަމާ އެކު ޕީއެންސީން އަބަދުވެސް އިސްކުރާނީ ޤައުމީ މަޞްލަޙަތުކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

