
އަމިއްލަ އެދުމާއި ޕާޓީގެ މަސްލަހަތަށްވުރެ “އެންމެ ފުރަތަމަ ޤައުމު” އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި އެންމެހާ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީސް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޤައުމީ ރޫޙެއްގައި ތަޤުރީރުކުރައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މާޒީގައި ބައެއް ސިޔާސީ ފަރާތްތަކުން އަމަލުކޮށްފައިވާ ނޭދެވޭ ގޮތްތަކުގެ ސަބަބުން، ޚާއްސަކޮށް ޒުވާނުންގެ މެދުގައި ސިޔާސީ މައިދާނަކީ ހަޑިމުތާކެއްގެ ގޮތުގައި ވަނީ ސިފަކުރެވިފައެވެ. ނަމަވެސް، ޤައުމީ އެޖެންޑާ ކުރިއަށް ނެރެގެން މަސައްކަތްކުރުމުން މި ވިސްނުން ބަދަލުވެ، ސިޔާސީ މަސައްކަތަކީ ސާފުތާހިރު އެއްޗަކަށް ވެގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ސަރުކާރު ހިންގާ މައި ޕާޓީގެ ވެސް އަދި އެމަނިކުފާނުގެ ވެސް ފޮރުވިފައިވާ އިތުރު އެޖެންޑާއެއް ނެތްކަން ހާމަކުރައްވަމުން، ވެރިކަމުގައި ނުވަތަ އިދިކޮޅުގައި ތިބި ނަމަވެސް ޤައުމަށް ގެއްލުންދެނިވި ކޮންމެ ކަމަކާ ދެކޮޅަށް ފާޅުގައި ތެދުވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި ޕީއެންސީގެ ސިޔާސަތުތައް އަބަދުވެސް ބިނާވެފައި އޮންނާނީ ރާއްޖޭގެ ސަލާމަތާއި، ހަމަޖެހުމާއި ތަރައްޤީގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިޖުތިމާއީ ފޭރާން ވީދި، އެކަކު އަނެކަކަށް އިޙުތިރާމުކުރުމުގެ ރީތި ސިފަ ނެތިގެންގޮސްފައިވާކަމުގެ މައްޗަށް އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ކިތަންމެ ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގި ނަމަވެސް، އިންސާނީ ފިކުރާއި އަޚުލާޤު ބިނާނުކުރެވޭނަމަ އެއިން ނުކުންނާނެ ހެޔޮ ނަތީޖާއެއް ނެތްކަމަށް ވިދާޅުވެ، ވަށާޖެހޭ ތަރައްޤީއެއްގެ މުހިންމުކަން ރައީސް އޮޅުންފިލުއްވައިދެއްވިއެވެ.
މި ނުރަނގަޅު ޙާލަތު ބަދަލުކުރުމަށްޓަކައި މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި، ސަރުކާރުން އިސްނަގައިގެން ފެށުމަށް ތައްޔާރުވަމުންދާ “އިޙްތިރާމް އަދާކުުރުމުގެ ޤައުމީ ކެމްޕެއިން”ގައި ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އެމަނިކުފާނު ވަނީ ދަޢުވަތު އަރުވާފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ތެރެއިން މިހާތަނަށް މި މުހިންމު މަސައްކަތަށް އިޖާބަދީފައި ވަނީ ހަމައެކަނި ޕީއެންސީންކަން ރައީސް ފާހަގަކުރެއްވިއެވެ.

